ރާއްޖޭގެ ސުކޫކްގެ އަގު ތިން މަސް ދުވަހުގެ ތެރޭގައި 35 ޑޮލަރަށް ވުރެ ބޮޑަށް އުފުލިއްޖެ

ރާއްޖޭގެ ސުކޫކްގެ އަގު ތިން މަސް ދުވަހުގެ ތެރޭގައި 35 ޑޮލަރަށް ވުރެ ބޮޑަށް އުފުލިއްޖެ

Author
ހުސައިން
09 ޖުލައި 2025 02:29
0

ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވަމުން ދިޔުމާ ގުޅިގެން، ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ބައިނަލްއަގުވާމީ ބާޒާރުގައި ދިވެހި ސުކޫކްގެ އަގު ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިނިސްޓްރީން ހާމަކުރި މައުލޫމާތުގައި ވިދާޅުވީ، އޭޕްރީލް މަހުގެ ކުރީކޮޅު 64.72 އެމެރިކާ ޑޮލަރުގައި ހުރި ރާއްޖޭގެ ސުކޫކްގެ އަގު، ޖުލައި 7 ވަނަ ދުވަހުގެ ނިޔަލަށް 87.44 އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށެވެ. މިއީ ތިން މަސް ދުވަހުގެ ތެރޭގައި 35 ޑޮލަރަށް ވުރެ ބޮޑު އިތުރުވުމެކެވެ.

ސުކޫކްގެ އަގު މިހާ ބޮޑަށް މައްޗަށް ދިޔުމުގެ މައިގަނޑު ސަބަބަކީ، ސަރުކާރުން ގެންގުޅުއްވާ މާލީ ސިޔާސަތުތަކާއި ރާއްޖޭގެ އިގުތިސާދީ ބިންގާ ހަރުދަނާ ކުރުމަށް އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މިއަހަރުގެ މާޗް މަހު ސަރުކާރުން އަމިއްލަ ކްރެޑިޓަރަކަށް ބޮޑު އަދަދެއްގެ ފައިސާ ދައްކާފައިވާއިރު، އޭޕްރީލް މަހު ސުކޫކް ކޫޕަން ޕޭމަންޓްވެސް ފުރިހަމަ ކޮށްފައިވާ ކަމަށް މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ ޕާޓްނަރުންނާއެކު ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ރީފައިނޭންސިން ޕެކޭޖެއް ހަމަޖެއްސުމަށް މުހިންމު ބައިލެޓަރަލް ޕާޓްނަރުންނާ ކާމިޔާބު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، ސުކޫކްގެ އަގު މިހާ ބޮޑަށް އުފުލުމަކީ ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތަކަށް ބައިނަލްއަގުވާމީ ބާޒާރުން ދޭ އިތުބާރު ސާފުކޮށް ދައްކުވައިދޭ ކަމެއް ކަމަށާއި، މިއީ ދުނިޔޭގެ މާލީ މުއައްސަސާތަކާ ގުޅިގެން ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.