ރަފާޙަށް ގާޒާގެ މުޅި އާބާދީ ބަދަލުކުރުމަށް އިސްރާއީލްގެ ޑިފެންސް މިނިސްޓަރ އަމުރު ކޮށްފި

ރަފާޙަށް ގާޒާގެ މުޅި އާބާދީ ބަދަލުކުރުމަށް އިސްރާއީލްގެ ޑިފެންސް މިނިސްޓަރ އަމުރު ކޮށްފި

Author
ހުސައިން
09 ޖުލައި 2025 10:40
0

ގާޒާގެ 2.1 މިލިއަން އާބާދީ ފަލަސްޠީނުގެ ދެކުނުގައިވާ ރަފާޙަށް ބަދަލުކުރުމަށް އިސްރާއީލްގެ ސިފައިންނަށް އަންގާފައިވާކަމަށް އިސްރާއީލްގެ ޑިފެންސް މިނިސްޓަރު އިސްރާއިލް ކަޓްޒް ވިދާޅުވެއްޖެއެވެ.

މި ޕްލޭންގެ ދަށުން ރަފާޙުގައި 600,000 މީހުންނަށް ވާވަރުގެ އިމާރާތްތަކެއް ކޮށްގެން ޚާއްޞަ ސިޓީއެއް ތަރައްޤީކުރުމަށް އިސްރާއީލުން ނިންމާފައިވާކަމަށް ކަޓްޒް ބުނެފައި ވެއެވެ. މި ސިޓީއަށް ވަންނަ ކޮންމެ މީހަކު ޚާއްޞަ ސެކިއުރިޓީ ޗެކިންގއަކުން ފާސްވާންޖެހޭނެކަމަށާއި، މިއީ ޙަމާސްގެ މެންބަރުން ނޫންކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށް އޭނާ ބުންޏެވެ.

އިސްރާއީލާއި ޙަމާސް ދެމެދު 60 ދުވަހުގެ ސުލްޙަ ޤާއިމުކުރުމަށް ކުރަމުންދާ މަޝްވަރާތައް ކުރިއަށްދާއިރު، މި އެއްބަސްވުމެއް ވެއްޖެނަމަ ރަފާޙުގައި ގެދޮރު އިމާރާތްކުރުމުގެ މަސައްކަތް ވަގުތުން ފެށޭނެކަމަށް އިސްރާއީލުން ބުނެއެވެ.

މި ޕްލޭނަށް އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުންނާއި މުއައްސަސާތަކުން ކަންބޮޑުވުން ފާޅުކޮށް، އެއީ އިންސާނިއްޔަތާ ޚިލާފު ޢަމަލެއްކަމަށް ބުނެ ގޯސްކޮށްފައިވެއެވެ. އިސްރާއީލްގެ އިންސާނީ ޙައްޤުތަކާބެހޭ ޖަމްޢިއްޔާއަކުންވެސް މި ޢަމަލަކީ އިންސާނިއްޔަތާ ޚިލާފު ބޮޑު ކުށެއްކަމަށް ނިންމައި، މި ޕްލޭނަށް ދެކޮޅުހަދާފައިވެއެވެ.

ގާޒާގެ މުޅި އާބާދީ އެއް ސަރަޙައްދަކަށް ބަދަލުކުރުމުގެ މި ޕްލޭނަކީ، އެ ސަރަޙައްދުގެ ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް ބޮޑު އަސަރެއްކުރާނެ ކަމެއްކަމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ފާހަގަކުރަމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.