ކާޑުތަކުން ކުރާ ރާއްޖެއިން ބޭރުގެ ވެބްސައިޓްތަކުގެ މުއާމަލާތްތައް ވަނީ 45 މިލިޔަން ޑޮލަރަށް އިތުރުވެފަ

ކާޑުތަކުން ކުރާ ރާއްޖެއިން ބޭރުގެ ވެބްސައިޓްތަކުގެ މުއާމަލާތްތައް ވަނީ 45 މިލިޔަން ޑޮލަރަށް އިތުރުވެފަ

Author
ހުސައިން
09 ޖުލައި 2025 10:29
0

ކާޑުތަކުން ކުރާ ރާއްޖެއިން ބޭރުގެ ވެބްސައިޓްތަކުގެ މުއާމަލާތްތައް ވަނީ 45 މިލިޔަން ޑޮލަރަށް އިތުރުވެފައިވާކަމަށް ބީއެމްއެލްއިން ހާމަކޮށްފިއެވެ.

ބީއެމްއެލްގެ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގ ބަދުރުއްދީން ހަސަން ޕީއެންއެމްގައި ވާހަކަ ދައްކަވަމުން ވިދާޅުވިގޮތުގައި، މިދިޔަ 2 އަހަރު ކާޑުތަކުން ރާއްޖެއިން ބޭރުގެ ވެބްސައިޓްތަކުގެ މުއާމަލާތްތަކަށް ވިއްކީ 16 މިލިޔަނާއި 20 މިލިޔަނާ ދޭތެރޭގެ ޑޮލަރެވެ. ނަމަވެސް މިއަހަރު މެއި މަހާ ހަމައަށް އައިއިރު މި އަދަދު 45 މިލިޔަން ޑޮލަރަށް އިތުރުވެފައިވާކަމަށް ބަދުރުއްދީން ފާހަގަކުރެއްވިއެވެ.

މި 45 މިލިޔަން ޑޮލަރުގެ ތެރެއިން 75 ޕަސެންޓް ދަނީ އޮންލައިން އީ-ކޮމާސް ޕްލެޓްފޯމްތަކަށްކަމަށާއި، އޭގެ ތެރެއިން ތިންބައިކުޅަ އެއްބައި ދަނީ އީބޭ، އެމޭޒަން، ޝީން، ޓެމޫ، އަލިއެކްސްޕްރެސް ފަދަ 6 ވެބްސައިޓަށް ކަމަށް ބަދުރުއްދީން ވިދާޅުވިއެވެ. މި 6 ވެބްސައިޓަށް މަހަކު ދަނީ 8 ނުވަތަ 9 މިލިޔަން ޑޮލަރުކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ބީއެމްއެލްއިން މި ބަދަލު ގެންނަން ޖެހުނީ ކާބޯތަކެތި، ގޭސް، ބޭސްފަރުވާ، ދަތުރުފަތުރު، ތަޢުލީމް އަދި ހައްޖު އުމްރާ ފަދަ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ދޫކުރަން ދަތިވާތީކަމަށް ބަދުރުއްދީން ވިދާޅުވިއެވެ. އޮންލައިން ޝޮޕިންއަށް ޑޮލަރުގެ ބޮޑު އަދަދެއް ދޫކުރަން ޖެހިއްޖެނަމަ މި ޒަރޫރީ ބޭނުންތަކަށް ޑޮލަރު ދޫކުރުމަށް ދަތިވާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖެއިން ބޭރުން ދިވެހިން ވިޔަފާރިކުރާ 155،000 ވެބްސައިޓް އެބަހުރި ނަމަވެސް، ފީ ނަގާގޮތަށް ކަނޑައެޅީ ހަމައެކަނި 6 ވެބްސައިޓުންކަމަށާއި، އެއީވެސް ޑެބިޓް ކާޑުން ކުރާ ވިޔަފާރިތަކަށް އެކަނި ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. ކްރެޑިޓް ކާޑު، ބިޒްނަސް ޑެބިޓް ކާޑު އަދި ޑޮލަރ ކާޑުތަކުން ވިޔަފާރި ކޮށްފިނަމަ އިތުރު ފީއެއް ނުނަގާނެކަމަށް ބޭންކުން ވަނީ ވިދާޅުވެފައެވެ.

މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްއިން ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް މަހަކަށް 500 ޑޮލަރަށް ވަނީ ބޮޑުކޮށްފައެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުން ދިވެހިން ވިޔަފާރިކުރާ 6 ވެބްސައިޓަކުން ކުރާ ވިޔަފާރިއަށް ފައިސާދައްކާއިރު 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާގޮތަށް ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.