ހޯކްސް މައްސަލާގައި ފިޔަވަޅު ނޭޅުމާއި ސީޕީ ނަވީން ހޯކްސްގެ ގެއަށް ވަޑައިގެންނެވި ކަމުގެ ތުހުމަތު!

ހޯކްސް މައްސަލާގައި ފިޔަވަޅު ނޭޅުމާއި ސީޕީ ނަވީން ހޯކްސްގެ ގެއަށް ވަޑައިގެންނެވި ކަމުގެ ތުހުމަތު!

Author
ހުސައިން
08 ޖުލައި 2025 09:38
0

ރާއްޖެއަށް 84،000 ސިނގިރޭޓު ފޮށި ވަގަށް އެތެރެކުރަން އުޅުނު މައްސަލައިގައި ހޯކްސް ކުންފުންޏަށް ފިޔަވަޅު ނޭޅި ލަސްވަމުންދާތީ ސަލާމަތީ ހިދުމަތްތަކާ ބެހޭ މަޖިލިސް ކޮމިޓީން މިއަދު ޝަކުވާ އުފުލައިފިއެވެ. މިދިޔަ އޮކްޓޫބަރު މަހު ތިލަފުށީގައި ހުންނަ ބޯޓު ޔާޑުގެ ޖެޓީއަށް ހޯކްސްގެ ތެޔޮ ބޯޓަކުން 8،400 ސިނގިރޭޓު ކާޓަން ބާލައިގެން އެތެރެކުރި މައްސަލަ ފެންމަތިވިތާ މަސްތަކެއް ވީނަމަވެސް އެއްވެސް ފިޔަވަޅެއް އަޅައިފައި ނުވާކަން ކޮމިޓީން ފާހަގަކޮށްފިއެވެ.

ކޮމިޓީގެ ބައްދަލުވުމުގައި އެންމެ ބޮޑު ހައިރާންކަމެއް އުފެދުނީ، މައްސަލަ ބަލަމުންދިޔަ ދުވަސްވަރު އޭރު ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި މިހާރުގެ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ހޯކްސް ކުންފުނީގެ ހިއްސާދާރުންގެ ގެއަށް ވަޑައިގެންނެވި ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ތުހުމަތު ކުރެއްވުމުންނެވެ. އޭނާ ވިދާޅުވީ އެ މަންޒަރު ފެންނަ ފޮޓޯ އަތުގައި ހުރިކަމަށެވެ.

ކޮމިޓީން ދެއްކި ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ކަސްޓަމްސްގެ އޮފިޝަލުން ބުނި ގޮތުގައި ހޯކްސްއިން ތެޔޮ އެތެރެކުރާއިރު ވަގަށް މުދާ އެތެރެކުރާ ކަމުގެ އަޑުތައް އިވޭތާ ދެ އަހަރު ވެފައިވާ ކަމަށެވެ. އަދި ރާއްޖެ އަންނަ އުޅަނދުފަހަރަށް ބޭނުންވާ ކޮންމެ އެއްޗެއް ސިއްރުން އެތެރެކުރުމުގެ ފުރުޞަތު އޮތް ކަމަށާއި، ހަތިޔާރު އެތެރެކުރުމުގެ ނިޔަތް އޮވެއްޖެނަމަ އެކަންވެސް ކުރެވޭނެ ކަމަށް ކަސްޓަމްސްގެ އޮފިސަރަކު ހާމަކުރި ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކޮމިޓީން ފާހަގަކުރީ ހޯކްސްގެ ބޯޓު ރާއްޖޭގެ ސަރަހައްދަށް ވަދެ ސިސްޓަމް ނިއްވާލާފައި އޮތުމަށްފަހު، 24 ގަޑިއިރު ފަހުން ސިނގިރޭޓު ކާޓަންތައް ސްމަގްލް ކުރަނިކޮށް ފެނުނު ކަމަށެވެ. ނަމަވެސް ކަސްޓަމްސްގައި ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގެ ގާބިލުކަން ނެތްކަން ކަސްޓަމްސް އޮފިސަރުންގެ ވާހަކައިން ދޭހަވާ ކަމަށާއި، ހޯކްސް ބޯޓު ކައިރިއަށް ދާނެ ލޯންޗެއް ނެތުމުން ފުލުހުންގެ އެހީއަށް އެދުނުނަމަވެސް ނުލިބުނު ކަމަށް ކޮމިޓީން ބުންޏެވެ.

ސްމަގްލް ކުރުމުގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވިތާ ދެ މަސްދުވަސް ވެގެންދިޔައިރުވެސް ކޯޓަށް މައްސަލަ ހުށަނޭޅި ލަސްވަމުންދާކަން ކޮމިޓީގެ މެމްބަރުން ފާހަގަކުރެއްވިއެވެ. މަނީ ލޯންޑަރިންގެ މައްސަލަ ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނި ނަމަވެސް އެކަން ވެސް ކުރިއަށް ނުދާ ކަމަށް މެމްބަރުން ވިދާޅުވިއެވެ.

އޭގެ އިތުރުނ ޓްރާންސްޕޯޓް މިނިސްޓަރު ޓްރާންސްޕޯޓް މިނިސްޓްރީގެ ބޭފުޅުން ގޮވައިގެން ތިލަފުށީގައި ހުންނަ ހޯކްސްގެ ސައިޓަށް ދިޔަ ކަމަށާއި، އެކަމުގެ ވީޑިއޯއާއި ފޮޓޯ ކޮމިޓީގެ އަތުގައި ހުރި ކަމަށްވެސް ބައެއް މެމްބަރުން ވިދާޅުވެފައިވެއެވެ. އެ މެމްބަރުން ތުގުމަތު ކޮށްފައިވަނީ މައްސަލަތައް ކުރިއަށް ނުދަނީ ފައިސާއާއި ކޮރަޕްޝަން މީގެ ތެރެއަށް ވަދެފައި އޮތުމުންނެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވީ ވީ އެންމެ އަވަހަކަށް މި މައްސަލަ ކޮޅެއްގައި ޖެއްސުމަށެވެ. ކޮމިޓީން ނިންމީ ޕްރޮސެކިއުޓާ ޖެނެރަލް ހާޒިރުކޮށް، ސްމަގްލިންގެ މައްސަލަ ކުރިއަށް ނުދަނީ ކީއްވެގެން ކަން ބަލައި، ހޯކްސްއަށް ފިޔަވަޅު އަޅައިދިނުމަށް ގޮވާލުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.