ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް 1244 ޒުވާނުން ޝައުޤުވެރިކަން ފާޅުކޮށްފި

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް 1244 ޒުވާނުން ޝައުޤުވެރިކަން ފާޅުކޮށްފި

Author
ހުސައިން
08 ޖުލައި 2025 09:12
0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއެކު ފަށާ މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް 1244 ޒުވާނުން އެދި ހުށަހަޅާފައިވާކަމަށް ޑިފެންސް މިނިސްޓްރީން މިރޭ ހާމަކޮށްފިއެވެ. މިއީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޒުވާނުން ބިނާކުރުމުގެ މަޤްޞަދުގައި ސަރުކާރުން ފަށާ އައު ޕްރޮގްރާމެކެވެ.

މިނިސްޓްރީން ނެރުނު ބަޔާނުގައިވާ ގޮތުން، ޖިސްމާނީ އަދި ސިއްޙީ ގޮތުން ދުޅަހެޔޮ ހުރިހާ ކުދިންނަށްވެސް ތަމްރީނުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނެކަމަށް ސަރުކާރުން ނިންމާފައިވެއެވެ. ކުރިމަތިލި ކުދިންގެ ތަރުތީބުން ތަމްރީނަށް ޖާގަ ލިބޭ ގޮތުގެ މަޢުލޫމާތު އަވަހަށް ހިއްސާކުރާނެކަމަށް މިނިސްޓްރީން ބުނެއެވެ. ފުރަތަމަ ބުރަށް ޝޯޓްލިސްޓުކުރެވޭ ފަރާތްތަކާއި ރިޒާވްގައި ހިމެނޭ ފަރާތްތަކަށްވެސް މި މަޢުލޫމާތު ފޯރުކޮށްދޭނެއެވެ.

މި ޕްރޮގްރާމަށް މީހުން ހޮވުމުގެ މަސައްކަތް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާނެއެވެ. ކޮންމެ ކެންޑިޑޭޓަކުވެސް ސެލެކްޝަން ޕްރޮސެސްއަށް ހާޒިރުވާންޖެހޭނީ އެމީހަކަށް އެންމެ ކައިރީގައި ހުރި ސްޓޭޝަނަކަށްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންގެ ހިތްތަކުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު އުފެއްދުމެވެ. މީގެ އިތުރުން އިސްލާމްދީނަށް ލޯބިކުރާ، ޤައުމަށް ކުރިމަތިވާ ނުރައްކާތަކާއި ކާރިސާތަކުގައި ޚިދުމަތްކުރަން ތައްޔާރު ރައްޔިތުން ބިނާކުރުމެވެ. ހަމައެއާއެކު، އެއްބައެއްވަންތަކަމާއެކު މަސައްކަތްކުރާ، އަޚުލާޤު ރަނގަޅު، އިޙުތިރާމާއި ކެތްތެރިކަން ލިބިފައިވާ، ދިރިއުޅުމުގެ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ޒުވާނުން ތައްޔާރުކުރުމަކީވެސް މި ޕްރޮގްރާމުގެ މުހިންމު އަމާޒެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.