އއ. މަތިވެރީ ކައުންސިލުން، މަތިވެރި ފިނޮޅުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް ޝައުޤުވެރިވާ އިންވެސްޓަރުންނަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާއިފިއެވެ. މި ފުރުޞަތު ހުޅުވާލާފައި ވަނީ މި މަހުގެ 24 ވަނަ ދުވަހާ ހަމައަށެވެ.
މި މަޝްރޫޢަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ލިބިފައިވަނީ ދިވެހިރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ކަމަށްވެސް މަތިވެރީ ކައުންސިލުން ބުނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް ދައްކަންޖެހޭ އަގަކީ 75,000 ރުފިޔާއެވެ.
ޓޫރިޒަމް މަޝްރޫޢުތަކަށް ޚާއްޞަކުރުމަށް މަތިވެރި ފިނޮޅުން ކަނޑައަޅާފައިވާ ބިމުގެ ބޮޑުމިނަކީ 4.411 ހެކްޓަރު ކަމަށް މަޢުލޫމާތު ލިބެއެވެ. މި ފިނޮޅަކީ ލޯކަލް ޓޫރިޒަމްގެ ދާއިރާގައި ދިވެހިންގެ މެދުގައި ވަރަށް މަޤްބޫލު ތަނެއް ކަމުގައި ފާހަގަކުރެވެއެވެ.
މީގެ ކުރިން 2014 ވަނަ އަހަރު މަތިވެރި ފިނޮޅުގައި ރިސޯޓެއް ތަރައްޤީކުރުމަށް ފަރާތަކަށް ދޫކޮށްފައިވީ ނަމަވެސް، އެ ފިނޮޅު ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރުމަށް ރައްޔިތުން އެދުމުން، ސަރުކާރުން ވަނީ 2023 ވަނަ އަހަރު މަތިވެރި ފިނޮޅު މަތިވެރީ ކައުންސިލުގެ އިޚްތިޞާޞްގެ ތެރެއަށް ގެނެސްފައެވެ.
މިހާރު މި ފިނޮޅުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް ކައުންސިލުން ނިންމާފައިވާއިރު، މި މަޝްރޫޢުގެ ސަބަބުން މަތިވެރީގެ ޓޫރިޒަމް ދާއިރާ އިތުރަށް ފުޅާވެ، ރަށަށް އިޤްތިޞާދީ ފައިދާތަކެއް ލިބޭނެ ކަމަށް އުންމީދުކުރެވެއެވެ.
ކޮމެންޓު ފޮނުވާ