ޤަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ދެނެގަތުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގައި ހިންގާ ޓޭކްއަވޭ ކެފޭއަކުން ބިދޭސީއެއް ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި، ޓާސްކްފޯސްގެ ފަރާތުން އިއްޔެ ހަވީރު މާލޭގެ ޓޭކްއަވޭ ކެފޭއެއް ބަލައި ފާސްކުރި ކުރުމުގައި، އެތަނުގައި ގަވާއިދުން ވޯކް ޕާމިޓެއް ނެތި މަސައްކަތްކުރަމުންދިޔަ ބިދޭސީއެއް ފެނިފައިވެއެވެ. މި ބިދޭސީ މީހާ ވަނީ އެ ވަގުތު ހައްޔަރުކޮށް، ކަމާގުޅޭ ތަހުޤީޤުތައް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި އިރުޝާދާ އެއްގޮތަށް، ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރަމުން އަންނައިރު، ދާދި ފަހުން ހުޅުމާލޭގެ "ރަށު މާރުކޭޓު" އިން 37 ބިދޭސީން ހައްޔަރުކުރެވުނެވެ.
މި އޮޕަރޭޝަންތަކުގެ މައިގަނޑު މަޤްސަދަކީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު، އާންމު ސިއްޙަތަށް ގެއްލުންވެދާނެ ހާލަތްތައް މަދުކުރުމެވެ. ޚާއްސަކޮށް ޤަވާއިދާ ޚިލާފަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަނާއި، ސިއްޙީ ގޮތުން ރައްކާތެރި ނޫން މާހައުލުގައި ބިދޭސީން ދިރިއުޅޭ ތަންތަން ބެލުމަށް ޚާއްސަ ސަމާލުކަމެއް ދެމުން ގެންދެއެވެ.
އިމިގްރޭޝަން ޤާނޫނާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާއި، އެމީހުންނަށް އެހީތެރިވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މީގެ އިތުރުން، ސައްޙަ ވިސާއެއް ނެތި ވިޔަފާރި ކުރާ ބިދޭސީން ދެނެގަތުމަށްވެސް ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުން އަންނަކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ސަރުކާރުން މި އޮޕަރޭޝަންތައް ރާއްޖޭގެ އެންމެހައި ރަށްރަށަށް ފުޅާކޮށްފައިވާއިރު، ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް، ބިދޭސީންގެ މައްސަލަތަކަށް 3 އަހަރުގެ ތެރޭގައި ޖުމްލަ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ