ދިވެހިބަސް ކުރިއަރުވައި ދެމެހެއްޓުމުގައި ލިޔުންތެރިންނަށް އޮތް މުހިންމު ދައުރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަލިއަޅުވާލައްވާއިފިއެވެ. ދިވެހި ލިޔުންތެރިންގެ ދުވަހާ ގުޅިގެން މިއަދު ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓެއްގައި، ލިޔުންތެރިން އަދާކުރަމުންދަނީ ގައުމީ ޒިންމާއެއް ކަމުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވިދާޅުވީ، ދިވެހިރާއްޖެއަށް މި ނަން ލިބިފައިވަނީ ދިވެހިބަހުގެ ސަބަބުން ކަމަށާއި، ދިވެހިންގެ ގައުމީ ހަޒާނާގައި ހިމެނޭ އެންމެ އަގުހުރި އަދި އެންމެ ދޮށީ މުދަލަކީ ދިވެހިބަސް ކަމުގައެވެ. އަދި އެތައް ހާސް އަހަރެއްގެ ތާރީޚެއްގައި ދިވެހިރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމިއޮތުމުގެ އަސާސީ ސަބަބަކީވެސް ދިވެހިބަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހުރިހާ ލިޔުންތެރިންނަށް ހިތުގެ އެންމެ ފުންމިނުން ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި ދިވެހިބަސް ކުރިއަރުވައި ދެމެހެއްޓުމަށް ލިޔުންތެރިން ކުރައްވަމުންދާ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިހުތިރާމާއެކު ތައުރީފުކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ