ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ފައްޓަވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން 100،000 ގަސް އިންދުމުގެ އަމާޒު ހިފައިގެން، މި ޕްރޮގްރާމުގައި ބައިވެރިވެފައިވާ ކަން އިޢުލާންކޮށްފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލު ކައިރީގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހިމް މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވިއެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދުގެ އިތުރުން އެކުންފުނީގެ އިސްވެރިން ވެސް ބައިވެރިވިއެވެ.
ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު ގަސް އިންދުމުގެ ޕްރޮގްރާމް ކަމުގައިވާ މި މަޝްރޫޢުގެ ދަށުން މިހާތަނަށް 500،000 އަށްވުރެ ގިނަ ގަސް އިންދާ ނިމިފައިވާކަމަށް ސަރުކާރުން ބުނެއެވެ. އަސްލު އަމާޒަކީ 5 މިލިޔަން ގަސް އިންދުން ކަމުގައިވިޔަސް، އެކި މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމާއެކު 6.3 މިލިޔަން ގަސް އިންދުމަށް މިހާރު ވަނީ ކަނޑައެޅިފައެވެ.
މި އަހަރުގެ ނިޔަލަށް 2 މިލިޔަން ގަސް އިންދުމަށް ސަރުކާރުން އަމާޒުކުރާއިރު، މި ޕްރޮގްރާމުގެ ޚާއްސަ ސިފައެއްކަމުގައި ސަރުކާރުން ފާހަގަކުރަނީ ދެމެހެއްޓެނިވިކަމެވެ. މީގެކުރިން ހިންގުނު ގަސް އިންދުމުގެ ޕްރޮގްރާމްތަކާ ޚިލާފަށް، މި ޕްރޮގްރާމް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ރޭވިފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މި ޕްރޮގްރާމުގެ އަނެއް މުހިންމު ބައިގައި ހިމެނެނީ ރާއްޖެއިން ނެތެމުންދާ ގަހުގެ ބާވަތްތައް އާލާކުރުމެވެ. ނެތެމުންދާކަމަށް ފާހަގަކުރެވިފައިވާ 90 ބާވަތެއްގެ ގަސް ލިސްޓުކޮށް، އެ ގަސްގަހާގެހި އަލުން އިންދައި އާލާކުރުމަށް ޚާއްސަ ސަމާލުކަމެއް ދީފައިވާކަމަށް ސަރުކާރުން ބުނެއެވެ.
މި ޤައުމީ މަޝްރޫޢުގައި ހުރިހާ ރައްޔިތުންގެ ބައިވެރިވުން މުހިންމުކަމަށް ސަރުކާރުން ބުނެއެވެ. ގަސް ހަދިޔާކުރުމާއި، ގަސް އިންދުމުގެ މަސައްކަތުގައި ބައިވެރިވުމަށް ޢާންމުންނަށް ދަޢުވަތު އަރުވާފައިވާއިރު، މި ޕްރޮގްރާމަކީ ހަމައެކަނި ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ނޫން، ބަލަކަށް އާ ޖީލުތަކަށް ފިނި، ރޫޙާނީ މާޙައުލެއް ދޫކޮށްދިއުމަށް ކުރެވޭ މަސައްކަތެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ