ޖޫން މަހު ފުލުހުން ހޯދި، ވަގަށް ގެންދިޔަ ސައިކަލުތަކުގެ ޖުމްލަ އަގު 3 މިލިއަން ރުފިޔާއަށް އަރާ

ޖޫން މަހު ފުލުހުން ހޯދި، ވަގަށް ގެންދިޔަ ސައިކަލުތަކުގެ ޖުމްލަ އަގު 3 މިލިއަން ރުފިޔާއަށް އަރާ

Author
ހުސައިން
07 ޖުލައި 2025 03:12
0

މާލޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވަމުން އަންނަ މި ދުވަސްވަރު، ފުލުހުންގެ މަސައްކަތުން ނިމިދިޔަ ޖޫން މަހު އެކަނި 4 މިލިއަން ރުފިޔާއަށް ވުރެ ގިނަ އަގުގެ މުދާ ހޯދާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކޮށްފިއެވެ.

މާލެ ފްރަންޓްލައިން ޕޮލިސް ޑިޕާޓުމަންޓުތަކުން މިދިޔަ މަހު ކުރި މަސައްކަތްތަކުގެ ތަފާސްހިސާބު އާންމުކުރުމުގައި ފުލުހުން ބުނީ، އެންމެ ގިނައިން ހޯދާފައިވަނީ ސައިކަލުތައް ކަމަށެވެ. ޖުމުލަ 69 ސައިކަލު ހޯދި އިރު، އެ ސައިކަލުތަކުގެ އަގު 3،303،429 ރުފިޔާ އަށް އަރާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން މޮބައިލް ފޯނުތަކާއި އިލެކްޓްރޯނިކް ސާމާނު ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ މުދާ ފުލުހުން ވަނީ ހޯދާފައެވެ. ޖޫން މަހުގެ ތެރޭގައި 29 މޮބައިލް ފޯނު ހޯދި އިރު، އެ ފޯނުތަކުގެ އަގު 202،375 ރުފިޔާ އަށް އަރައެވެ. ހަމައެއާއެކު 80،400 ރުފިޔާގެ 8 އިލެކްޓްރޯނިކް ސާމާނާއި، 110،263 ރުފިޔާގެ އެހެނިހެން 61 ތަކެތި ވެސް ފުލުހުން ވަނީ ހޯދާފައެވެ.

ވަގަށް ނަގައިގެން ގެއްލުނު ފައިސާ ހޯދުމުގައި ވެސް ފުލުހުން ވަނީ ކާމިޔާބު ހާސިލުކޮށްފައެވެ. ނިމިދިޔަ ޖޫން މަހުގެ ތެރޭގައި ޖުމުލަ 406،098 ރުފިޔާ ފުލުހުން ވަނީ އަނބުރާ ހޯދައި، އެ ފައިސާ ވެރިފަރާތްތަކާ ހަވާލުކޮށްފައެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ސްކޭމް މައްސަލަތަކާ ދެކޮޅަށް ވެސް ރާއްޖޭގެ ފުލުހުން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. ގިނަ ގައުމުތަކެއްގެ އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރާއްޖެއިން ވަނީ އެންމެ މަތީ ރިކަވަރީ ރޭޓް ހާސިލުކޮށްފައެވެ. މި އޮޕަރޭޝަންގެ ދަށުން 640،000 ރުފިޔާ ފުލުހުން ވަނީ އަނބުރާ ހޯދާފައެވެ.

މީގެ އިތުރުން ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު 13 ބިދޭސީއަކު ފުލުހުން ވަނީ މިދިޔަ މަހު ހައްޔަރުކޮށް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. ވައްކަމާއި ފޭރުމުގެ މައްސަލަތައް މަދުކުރުމަށާއި، ގެއްލޭ މުދާ އަވަހަށް ހޯދައިދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.