ރައީސް އިފްތިތާޙްކޮށްދެއްވި ދިވެހިރާއްޖެ 2.0 މަޝްރޫޢަކީ، ޞިއްޙީ ދާއިރާއަށް އަންނާނެ ބޮޑު އިންޤިލާބީ ބަދަލެއް: މެޑަމް ސާޖިދާ

ރައީސް އިފްތިތާޙްކޮށްދެއްވި ދިވެހިރާއްޖެ 2.0 މަޝްރޫޢަކީ، ޞިއްޙީ ދާއިރާއަށް އަންނާނެ ބޮޑު އިންޤިލާބީ ބަދަލެއް: މެޑަމް ސާޖިދާ

Author
ހުސައިން
07 ޖުލައި 2025 09:37
0

ޤައުމެއް ތަރައްޤީ ކުރުމުގައި އެ ޤައުމެއްގެ ޞިއްޙަތު ކިތަންމެހައިވެސް މުހިންމުކަމަށާއި، އޭގެ ތެރޭގައި ޖިސްމާނީ، ނަފުސާނީ އަދި ރޫޙާނީ ޞިއްޙަތުވެސް ހިމެނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިފަދައިން ވިދާޅުވީ ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ކުޅުދުއްފުށީ ޕޯޓްސް ލިމިޓަޑްގައި އިއްޔެ ހަވީރު ކުރިއަށްދިޔަ އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ކުޅުދުއްފުށި ސިޓީ ހިމެނޭ ސަރަޙައްދުގައި ޞިއްޙީ ފަރުވާ ކަށަވަރު ވެފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި ވިދާޅުވެފައެވެ. ވަކީން ޚާއްޞަކޮށް ފަންނިއްޔާތާއެކު ޞިއްޙީ ދާއިރާއަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވި ދިވެހިރާއްޖެ 2.0 މަޝްރޫޢަކީ، ދިވެހި ޞިއްޙީ ދާއިރާއަށް ގެންނަވާން ގަސްދުކުރައްވާ ވަރަށް ބޮޑު އިންޤިލާބީ ބަދަލެއްކަމުގައި އެކަމަނާ ވަނީ ސިފަކުރައްވާފައެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައު ޚިދުމަތްތަކެއްވެސް ވަނީ އިފްތިތާޙްކުރައްވާފައެވެ. އެގޮތުން، ޓެލެމެޑެސިންގެ ޚިދުމަތާއި އެންޑޯމެޓްރިއޯސިސް ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ކުލިނިކުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަް ޑޮކްޓަރ އަޙްމަދު އަޝްރަފެވެ.

ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެވޭ ހަނދާނީ ފިލާ ޙަވާލުކުރުމާއި، މަސައްކަތުގެ ރޮނގުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެކަމުގެ އެވޯޑް ޙަވާލުކުރުންވެސް އިއްޔެގެ ޖަލްސާގައި އޮތެވެ. އަދި އެ ހޮސްޕިޓަލަށް 10، 20 އަދި 30 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް އެވޯޑް ޙަވާލުކުރުންވެސް އޮތެވެ. މީގެ އިތުރުން، ހޮސްޕިޓަލަށް ޚިދުމަތްކުރައްވައި، ވަކިވެ ވަޑައިގެންފައިވާ ބޭފުޅުންނަށްވެސް ހަނދާނީފިލާ ޙަވާލުކޮށްދެއްވުން މިޖަލްސާގައި އޮތެވެ. މި އެވޯޑްތައް ބައްސަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ހދ ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އެއަށްފަހު އެކަމަނާ ވަނީ ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން، އެ ހޮސްޕިޓަލުގެ ޙާލަތު ބައްލަވާލައްވައި، މުވައްޒަފުންނާ ބައްދަލުކޮށްލައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.