ޖޫން މަހު ވޭޕާ ގުޅޭ މައްސަލަތަކުގައި 34 މީހަކު ޖޫރިމަނާ ކުރި، 170,000 ރުފިޔާ ލިބުނު

ޖޫން މަހު ވޭޕާ ގުޅޭ މައްސަލަތަކުގައި 34 މީހަކު ޖޫރިމަނާ ކުރި، 170,000 ރުފިޔާ ލިބުނު

Author
ހުސައިން
06 ޖުލައި 2025 08:40
0

ނިމިދިޔަ ޖޫން މަހުގެ ތެރޭގައި ވޭޕާއި ގުޅުންހުރި ތަފާތު މައްސަލަތަކުގައި 34 މީހަކު ޖޫރިމަނާކޮށް، ޖުމުލަ 170,000 ރުފިޔާ ލިބިފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުންގެ މަޢުލޫމާތު ދައްކާގޮތުން ޖޫން 1 އިން 30 އަށް ވޭޕް ބޭނުންކުރި 18 މީހަކު 97,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، ވޭޕް ގެންގުޅުނު 16 މީހަކު 73,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ. މީގެ އިތުރުން އެމަހު ވޭޕާއި އީ-ސިގަރެޓާ ގުޅޭ 28 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރެވިފައިވެއެވެ.

ރިޕޯޓުކުރެވުނު މައްސަލަތަކުގެ ތެރޭގައި ވޭޕް ގެންގުޅުމުގެ 22 މައްސަލައާއި، ވޭޕް ބޭނުންކުރުމުގެ 3 މައްސަލައާއި، ވޭޕް ވިޔަފާރިކުރުމުގެ 1 މައްސަލައާއި، ވޭޕާ ގުޅުންހުރި އިތުރު 2 މައްސަލައެއް ހިމެނެއެވެ.

ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުމާއި ހިލޭދިނުން މަނާކުރުމަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނެވުނު އިސްލާޙު 2024 ޑިސެންބަރު 15 އިން ފެށިގެން ތަންފީޒުކުރަމުން އަންނައިރު، މި ޤާނޫނުގެ ދަށުން ވޭޕްގެ ބާވަތްތައް އެތެރެކުރާ ފަރާތްތައް 50,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. ހަމައެއާއެކު އެތެރެކުރާ ކޮންމެ ވޭޕަކަށް 10,000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ.

ޚާއްޞަކޮށް ކުޑަކުދިންނަށް ވޭޕް ނުވަތަ އެއާ ގުޅޭ އާލާތްތައް ވިއްކުމާއި ހިލޭދިނުމަކީ ބޮޑު ކުށެއްކަމުގައި ހަމަޖެހިފައިވާއިރު، މިފަދަ ޢަމަލު ހިންގާ ފަރާތްތަކަށް ޢާންމު ޖޫރިމަނާގެ އިތުރުން 50,000 ރުފިޔާގެ ޚާއްޞަ ޖޫރިމަނާއެއް ކުރެވޭނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް ޖޫރިމަނާ ދެއްކުމުގެ ކަންތައް ފަސޭހަކުރުމަށްޓަކައި، ފުލުހުން ވަނީ މޯބައިލް މެސެޖުގެ ޒަރީޢާއިން ވާރު ޕޭ ޕޭމަންޓް ލިންކް ފޮނުވާ ނިޒާމެއް ޤާއިމުކޮށްފައެވެ.

ފުލުހުންގެ ޚިދުމަތުން ވަނީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނެވުނު މި އިސްލާޙުތަކަށް އެންމެހާ ފަރާތްތަކުން ފުރިހަމައަށް ޢަމަލުކުރުމަށާއި، ޤާނޫނު ތަންފީޒުކުރުމުގައި ފުލުހުންނަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.