ޗައިނާ ކުންފުންޏަކުން ދިވެހި ކަނޑުމަހުން ދަޅުމަސް އުފައްދަން ފަށައިފި

ޗައިނާ ކުންފުންޏަކުން ދިވެހި ކަނޑުމަހުން ދަޅުމަސް އުފައްދަން ފަށައިފި

ގުޅުންހުރި

ދިވެހިރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ ކަނޑުމަހުން ޗައިނާގެ ކުންފުންޏެއް ކަމަށްވާ ވެއިހައި ކިޔުޒީ ބްލޫސީ ފުޑްސް ކޮންޕެނީ ލިމިޓެޑްއާއި ޖިންގް ވެއިޑާއޯ ބްރޭންޑް ގުޅިގެން ފުރަތަމަ ފަހަރަށް ދަޅުމަސް އުފައްދައިފިއެވެ. މިއީ އެ ކުންފުނިން ދިވެހި ކަނޑުމަހުން އުފެއްދި ފުރަތަމަ ސާމްޕަލް ބެޗެވެ.

މި ޚާއްސަ އުފެއްދުން ވަނީ ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަޒީލް ނަޖީބަށް ހަވާލުކޮށްފައެވެ. މި މުހިންމު މަސައްކަތް ފާހަގަކުރުމަށް ޗައިނާގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވުނެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެފައިވަނީ، މި ކާމިޔާބީއަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ވެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސީދާ ނަތީޖާއެއް ކަމަށެވެ. މި ތާރީޚީ އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުގެ ޑިއުޓީ ސުން ރޭޓަށް ދަށްވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"މި އެއްބަސްވުމަކީ ދިވެހި މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެޅުއްވި ވަރަށް މުހިންމު ފިޔަވަޅެއް. މީގެ ސަބަބުން ދިވެހި މަހުގެ ބާވަތްތަކަށް އައު މާކެޓްތައް ހުޅުވި، މަހުގެ އަގު މައްޗަށް ގޮސް، ޑިމާންޑް އިތުރުވާނެ،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މިއަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ މި އެއްބަސްވުމުގެ ދަށުން، ސީފުޑްގެ 296 ބާވަތެއް އެއްވެސް ޑިއުޓީއަކާ ނުލައި ޗައިނާއަށް އެކްސްޕޯޓްކުރެވޭނެއެވެ. މީގެ އިތުރުން، ސީފުޑް ބާވަތްތައް ދިވެހިރާއްޖެ ގެނެސް ޑަބްލިއުޓީއޯގެ މިންގަނޑާ އެއްގޮތަށް އަގު އެއްކޮށް ޗައިނާއަށް އެކްސްޕޯޓްކުރުމުގެ ފުރުސަތު ދިވެހި ވިޔަފާރިވެރިންނަށް ލިބިގެންދާނެއެވެ.

މި އެއްބަސްވުމަކީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގިނަ ފުރުސަތުތައް ހުޅުވިގެންދާނެ މުހިންމު އެއްބަސްވުމެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ. ދިވެހި ކަނޑުމަހުން ދަޅުމަސް އުފެއްދުމަކީ މި އެއްބަސްވުމުގެ ފައިދާތައް ދިވެހި މަސްވެރިންނަށް ލިބެމުންދާކަން ސާބިތުކޮށްދޭ ރަނގަޅު މިސާލެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ