ތެލަސީމިއާގެ ދަތިތަކާ ކުރިމަތިލާ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދޭ މޯލްޑިވްސް ބްލަޑް ސަރވިސަސްއިން އައު ހޮޓްލައިން ނަންބަރެއް ތަޢާރަފު ކޮށްފިއެވެ. މި ޚިދުމަތް ތަޢާރަފު ކުރީ ޚިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް އެ އިދާރާއިން ބުނެއެވެ.
7333645 މި ނަންބަރަށް ގުޅައިގެން މޯލްޑިވްސް ބްލަޑް ސަރވިސަސް ހުޅުވިފައި ހުންނަ ވަގުތުތަކުގައި ބޭނުންވާ މަޢުލޫމާތު ހޯދޭނެއެވެ. މީގެ އިތުރުން ވައިބަރ އަދި ވޮޓްސްއެޕް މެދުވެރިކޮށްވެސް މި ނަންބަރުން ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.
މި ހޮޓްލައިން ޚިދުމަތް ފެށުމާއެކު ތެލަސީމިއާ ބަލިމީހުންނަށް ޚިދުމަތް ހޯދުން އިތުރަށް ފަސޭހަވާނެ ކަމަށް މޯލްޑިވްސް ބްލަޑް ސަރވިސަސްއިން ފާހަގަކުރެއެވެ. ރާއްޖޭގައި ތެލަސީމިއާ ބަލިމީހުން އިތުރުވަމުންދާތީ، ބޭނުންވާ ފަރުވާގެ ޚިދުމަތްތައް ފުޅާކޮށް ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުންދާ ކަމަށްވެސް ބުނެއެވެ.
ޚާއްސަގޮތެއްގައި އަތޮޅުތަކުގައި ދިރިއުޅޭ ތެލަސީމިއާ ބަލިމީހުންނަށް ބޭނުންވާ ލޭގެ ޚިދުމަތާއި ބޭސް ފަސޭހައިން ލިބޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ތެލަސީމިއާ ބަލިމީހުންނަށް ދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި، މޯލްޑިވްސް ބްލަޑް ސަރވިސަސް ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށްވެސް ފާހަގަކުރެވެއެވެ. މި ބަދަލާއެކު ތެލަސީމިއާ ބަލިމީހުންނަށް އިތުރަށް ފުރިހަމަ ޞިއްޙީ ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.