މާލެ ސަރަޙައްދުގައި އިންފުލުއެންޒާއާއި ވައިރަލް ބަލިތައް ފެތުރޭތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

މާލެ ސަރަޙައްދުގައި އިންފުލުއެންޒާއާއި ވައިރަލް ބަލިތައް ފެތުރޭތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

Author
ހުސައިން
04 ޖުލައި 2025 11:46
0

މާލެ ސަރަޙައްދުގައި އިންފުލުއެންޒާއާއި އެހެނިހެން ވައިރަލް ބަލިތައް ފެތުރެމުންދާތީ، އާންމުންނަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނަސޭހަތްތެރިވެއްޖެއެވެ.

އެޗްޕީއޭގެ ފަރާތުން ބުނެފައިވަނީ، ނޭވާލާ ނިޒާމަށް އަސަރުކުރާ މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ދުރާލާ ފިޔަވަޅުތައް އެޅުން ވަރަށް މުހިންމުކަމަށެވެ. އަރިދަފުސް ރޯގާއާއި އިންފުލުއެންޒާގެ އަލާމާތްތައް އެއްގޮތް ނަމަވެސް، މިއީ ވަކިވަކި ވައިރަސްތަކުން ޖެހޭ ބަލިތަކެއްކަމަށާއި، އިންފުލުއެންޒާ ޖެހުމުން ބަލި ބޮޑުވަރުވުމުގެ ފުރުޞަތު އިތުރުކަމަށް ޞިއްޙީ މާހިރުން ވިދާޅުވެއެވެ.

މި ބަލިތަކުގެ އާންމު އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިހުމާއި، ނޭފަތުން ފެންއައުމާއި، ކެއްސުމާއި، ކަރުގައި ރިއްސުމާއި، ހުންއައުމާއި، ވަރުދެރަވުމާއި، ގައިގައި ރިއްސުން ހިމެނެއެވެ. ކުޑަކުދިންގައި ބޭރަށް ހިންގުމާއި ހޮޑުލެވުން ވެސް ފެނިދާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި، ބަލި މީހުންނަށް ޒިޔާރަތްކުރާއިރު ކުޑަކުދިން ނުގެންދިއުމަށާއި، ބަލިގެ އަލާމާތްތައް ހުރިނަމަ އެހެން މީހުންނާ ދުރުހެލިވެ އުޅުމަށާއި، ކެއްސާ ކިނބިހި އަޅާއިރު މާސްކު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި އަލާމާތްތައް ފެނިއްޖެނަމަ އަވަހަށް ޓެސްޓްކުރުމަށް ވެސް ނަސޭހަތްތެރިވެއެވެ.

ކުޑަކުދިންގެ ކަންތައްތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ގޮވާލައެވެ. ހުން އައިސް ބަލިވެފައިވާ ކުޑަކުދިން 6 ނުވަތަ 8 ގަޑިއިރަށްވުރެ ގިނައިރު ކުޑަކަމު ނުދިއުމާއި، ވަރަށް ބޮޑަށް ވަރުބަލިވުމާއި، ކިރުދޭ ކުދިން ރަނގަޅަށް ކިރު ނުބުއިން ފަދަ އަލާމާތްތައް ފެނިއްޖެނަމަ ވަހާ ޑޮކްޓަރަށް ދެއްކުމަށް އިރުޝާދު ދެއެވެ. 5 އަހަރުން ދަށުގެ ކުދިންނަށް، ޚާއްޞަކޮށް 2 އަހަރުން ދަށުގެ ކުދިންނަށް އިންފުލުއެންޒާ ޖެހިއްޖެނަމަ ބަލި ސީރިއަސްވާ ފުރުޞަތު ބޮޑުކަމަށް ފާހަގަކުރެއެވެ.

ރަނގަޅު ކާނާ ކެއުމާއި، ފެން ގިނައިން ބުއިމާއި، އެކަށީގެންވާ ވަރަށް ނިދުމަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމަށް އެހީތެރިވާނެ ކަންކަން ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި ބަލިގެ އަލާމާތްތައް ހުރި ކުދިން ސްކޫލަށް ނުފޮނުވުމަކީ ބަލި ފެތުރުން ހުއްޓުވުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ވެސް ފާހަގަކުރެއެވެ.

އެޗްޕީއޭއިން ވަނީ، ފަރުދީ ޒިންމާ އަދާކޮށް، ސިއްޙީ މާހިރުންގެ އިރުޝާދުތަކަށް އަމަލުކުރުމަކީ މި ބަލިތަކުން ރައްކާތެރިވުމަށް އެންމެ މުހިންމު ކަންތައްކަމަށް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.