ދަރުބާރުގޭގެ ގޯތިތެރޭގައި ހުރި ޓްރާންސްފޯމަރަކުން ކަރަންޓު ނަރު ބުރިކޮށް ވައްކަންކުރަން އުޅުނު މައްސަލައެއްގައި އައްޑޫ ސިޓީ ހިތަދޫގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް ދީފައިވެއެވެ.
ކޯޓުން ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، މި މީހާ ދަރުބާރުގޭގެ ޓްރާންސްފޯމަރުން ކަރަންޓު ނަރު ބުރިކުރަން އުޅެނިކޮށް ފެނުނުއިރު، އޭނާ ހުއްޓުވުމަށް މަސައްކަތްކުރިއިރު ފިލަން އުޅެފައިވެއެވެ. އެހެންނަމަވެސް އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު އޭނާ ހިފައި ހުއްޓުވުމަށް ފުލުހުންނަށް ވަނީ ކާމިޔާބުވެފައެވެ.
ކުށުގެ ވެއްޓުން ބެލިބެލުމުން ކަޓަރަކާއި ރެންޗެއް ފެނިފައިވާކަމަށް ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ. މިއީ އޭނާ ޓްރާންސްފޯމަރުން ކަރަންޓު ނަރު ބުރިކުރުމަށް ބޭނުންކުރަން ގެންގުޅުނު ސާމާނުކަމަށް ބެލެވެއެވެ.
ހައްޔަރުކުރެވުނު މީހާއަކީ މިފަދަ ކުށްތަކުގައި ކުރިންވެސް ތަކުރާރުކޮށް ހައްޔަރުވެފައިވާ މީހެކެވެ. 2021 ވަނަ އަހަރާއި 2023 ވަނަ އަހަރު އަދި 2024 ވަނަ އަހަރު ދެފަހަރު ވައްކަމުގެ މައްސަލަތަކުގައި އޭނާ ހައްޔަރުކުރެވިފައިވާކަމަށް ރެކޯޑުތަކުން ދައްކައެވެ.
ޓްރާންސްފޯމަރުތަކުން ވައްކަންކުރަން އުޅުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. މިދިޔަ އަހަރު ހުޅުމާލޭގައި މިފަދަ ހާދިސާއެއްގައި މީހަކު ނިޔާވެފައިވެއެވެ. ކަރަންޓުގެ ނުރައްކަލުގެ ސަބަބުން މިފަދަ ޢަމަލުތަކުގައި އުޅުމަކީ ފުރާނައަށް ނުރައްކާވެދާނެ ކަމެކެވެ.
ކޮމެންޓު ފޮނުވާ