މާލޭގައި ދިރިއުޅޭ 32 އަހަރުގެ ފިރިހެނަކު ގެއްލިފައިވާތީ އޭނާ ހޯދުމަށް ފުލުހުން މިއަދު އާންމުކޮށް އިޢުލާނު ކޮށްފިއެވެ. ގެއްލިފައިވަނީ ޏ. ފުވައްމުލައް، ހޯދަޑު، ބޯގަންވިލާގޭ ސާމީ ޢަބްދުލްޙަމީދެވެ.
ސާމީ ގެއްލިފައިވާކަން އޭނާގެ އާއިލާއިން ފުލުހުންނަށް އަންގާފައިވަނީ އިއްޔެ ހަވީރު 6:16 ގައެވެ. ނަމަވެސް އާއިލާއިން ބުނި ގޮތުގައި ސާމީގެ އެއްވެސް ޚަބަރެއް ލިބިފައި ނުވަނީ މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލަ ރިޕޯޓް ކުރެވުމާ ގުޅިގެން ކަމާބެހޭ އެންމެހާ ފަރާތްތަކާ ގުޅައިގެން ސާމީ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، މިހާތަނަށް އޭނާ ފެނިފައެއް ނުވެއެވެ.
ސާމީ ޢަބްދުލްޙަމީދާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭ ފަރާތަކުން ގަލޮޅު ޕޮލިސް ސްޓޭޝަނާ ގުޅުއްވުމަށް ފުލުހުން އެދެއެވެ. ގުޅުއްވާނީ 9790092 ނަންބަރަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށެވެ.
އާއިލާތަކަށް ޚަބަރު ނުވެގެން ގެއްލޭ މީހުން ހޯދުމަށް ފުލުހުން އާންމުކޮށް އިޢުލާނު ކުރަމުން ގެންދާއިރު، މިފަދަ އިޢުލާނުތައް ކުރާތާ ގިނަ ވަގުތު ނުވެ އެ މީހުން ފެންނަކަން ފާހަގަ ކުރެވެއެވެ.
ކޮމެންޓު ފޮނުވާ