ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި ހުރި ހާލަތުގައި ފެނުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މާލޭގައި ބޭއްވި ޒުވާނުންގެ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި އަބްދުﷲ މަހުޒޫމް މާޖިދު އާއި އައިޝަތު ޝިމަންގެ މައްޗަށް ދައުލަތުން ދައުވާ އުފުލާއިފިއެވެ.
ދައުލަތުން މަހުޒޫމްގެ މައްޗަށް އުފުލި ދައުވާއަކީ ފުލުހެއްގެ ގައިގައި އަތްލުން ނުވަތަ އަނިޔާއެއް ކުރުމުގެ ކުށުގެ ދައުވާ އެވެ. މި ދައުވާ އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ ހ. ގެ އެއްވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ ށ. ގެ ތިންވަނަ ނަންބަރުގެ ދަށުންނެވެ. މި ކުށް ސާބިތުވެއްޖެނަމަ މަހުޒޫމަށް އަސާސީ އަދަބުގެ ގޮތުގައި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކުރެވިދާނެ އެވެ. އަދި އެންމެ ބޮޑު އަދަބުގެ ގޮތުގައި ހަތަރު އަހަރު ދުވަހުގެ ޖަލު ހުކުމެއް ކުރެވިދާނެ އެވެ.
އައިޝަތު ޝިމަންގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަކީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ. މި ދައުވާ އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ ހ. އާ ހަވާލާދީ އެ މާއްދާގެ ށ. ގެ ދަށުންނެވެ. މި ކުށް ސާބިތުވެއްޖެނަމަ ޝިމަންއަށް އަސާސީ އަދަބުގެ ގޮތުގައި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކުރެވިދާނެ އެވެ. އަދި އެންމެ ބޮޑު އަދަބުގެ ގޮތުގައި އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކުރެވިދާނެ އެވެ.
ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަމުން ދަނިކޮށް މުޒާހަރާ ރޫޅާލާނެ ކަމުގެ އިންޒާރެއް ނުދީ ޝިމަން އާއި މަހްޒޫމް ހައްޔަރުކޮށްފައިވާ ކަމަށް މުޒާހިރާކުރި ފަރާތްރަކުން ތުހުމަތު ކޮށްފައިވެ އެވެ. ފުލުހުންގެ ބަހުން މުޒާހަރާ ރޫޅާލި ސަބަބަކީ މަގުމަތީ މުޒާހަރާ ކުރުމުން ވިޔަފާރިތަކަށް އުނދަގޫ ވުމާއި އޯލެވެލް ޓެސްޓު ހަދާ ކުދިންނަށް ދަތިވުމެވެ.
އެ ދެމީހުން ހައްޔަރު ކުރިއިރު ހާލަތާ ނުބައްދަލު ބާރު ބޭނުން ކޮށްފައިވާ ކަމަށާއި، އެ ސަބަބުން އެ ދެމީހުންނަށް އަނިޔާ ލިބުނު ކަމަށް ވެސް އެފަރާތުން ބުނެފައިވެ އެވެ. މި މައްސަލާގައި ފުލުހުން އަމަލު ކުރި ގޮތް އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ އިތުރުން ސިޔާސީ ފަރާތްތަކުން ކުށްވެރި ކޮށްފައިވެ އެވެ. އެހެންނަމަވެސް ފަހުން އެ ދެމީހުން ވަނީ ދޫކޮށްލައިފަ އެވެ.
ކޮމެންޓު ފޮނުވާ