މާލޭގެ ގެއެއްގައި ހުއްދަނޫން ގޮތުގައި ބަންދުކޮށްފައި ހުރި ބަންގްލަދޭޝްގެ ފިރިހެނަކު މިއަދު ހެނދުނު ފުލުހުން ސަލާމަތްކޮށްފި އެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މިއަދު ހެނދުނު 6:00 ގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ހާމަކުރެއްވި ގޮތުގައި، މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން ވަގުތުން ފުލުހުން ހަރަކާތްތެރިވެ، އެ ގޭގެ ތަޅު ހަލާކުކޮށްލައިގެން އެތެރެއަށް ވަދެ، ބަންދުގައި ހުރި ބަންގްލަދޭޝް ފިރިހެނާ ސަލާމަތްކޮށްފައިވާ ކަމަށެވެ.
ސަލާމަތްކުރި ފަރާތް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދިއުމަށްފަހު ސިއްހީ ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ. އެ ފަރާތަށް ބޭރުފުށުން އަނިޔާއެއް ލިބިފައިވާ ކަމަށް ފެންނަން ނެތް ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި ވަގުތު މައްސަލައާ ގުޅޭ ގޮތުން ފުލުހުން ތަހުގީގު ކުރަމުން ގެންދާއިރު، މައްސަލައިގެ އިތުރު ތަފްސީލުތައް ހާމަކޮށްފައެއް ނުވެއެވެ. މީހަކު ހުއްދަނޫން ގޮތުގައި ބަންދުކުރުމަކީ ގާނޫނީ ގޮތުން ބޮޑު ކުށެއް ކަމުގައި ވާއިރު، މި މައްސަލައިގައި ޝާމިލުވި ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން މަސައްކަތް ކުރަމުންދާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ