އިލެކްޝަންސް ކޮމިޝަނުން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެމްބަރުންގެ އަދަދު 68,665 އަށް އަރައިފިއެވެ. މިއީ ރާއްޖޭގައި މިވަގުތު އެންމެ ގިނަ މެމްބަރުން ތިބި ސިޔާސީ ޕާޓީއެވެ.
ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން ކޮންމެ ހަ މަހަކުން އެއްފަހަރު ޕާޓީތަކުގެ މެމްބަރުންގެ އަދަދު އީސީން ކަށަވަރުކޮށް އާންމުކުރަންޖެހެއެވެ. މި ފަހަރު އާންމުކުރި ތަފާސްހިސާބުތަކުން ފާހަގަކުރެވެނީ ޕީއެންސީގެ މެމްބަރުން ވަރަށް ބޮޑަށް އިތުރުވެފައިވާކަމެވެ.
ދެވަނައަށް ގިނަ މެމްބަރުން ތިބި ޕާޓީއަކީ އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. އެމްޑީޕީގައި މިވަގުތު 43,765 މެމްބަރުން ތިބެއެވެ. ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައި 13,456 މެމްބަރުން ތިބިއިރު، މޯލްޑިވިއަން ޑިމޮކްރެޓިކް އެލަޔަންސް (އެމްޑީއޭ) ގައި 9,011 މެމްބަރުން ތިބެއެވެ.
ކުރިން ރާއްޖޭގެ ސިޔާސީ މައިދާނުގައި ވަރަށް ހަރަކާތްތެރި ޕާޓީއެއްގެ ގޮތުގައި ހުރި އަދާލަތު ޕާޓީގެ މެމްބަރުންގެ އަދަދު މިހާރު ދަށްވެފައިވާކަން ފާހަގަކުރެވެއެވެ. އަދާލަތު ޕާޓީގައި މިވަގުތު ތިބީ 8,844 މެމްބަރުންނެވެ.
އެމްއެންޕީގައި 5,836 މެމްބަރުން ތިބިއިރު، ދަ ޑިމޮކްރެޓްސްގައި 3,547 މެމްބަރުން ތިބެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގައި ތިބީ 3,046 މެމްބަރުންނެވެ.
އީސީން ހާމަކޮށްފައިވާ ގޮތުގައި، ސިޔާސީ ޕާޓީތަކަށް ވަނުމާއި ވަކިވުމުގެ ކަންތައްތައް މިހާރު ކުރިއަށްގެންދަނީ އީ-ފާސް މެދުވެރިކޮށް "my.elections.gov.mv" ޕޯޓަލް ބޭނުންކޮށްގެންނެވެ. މި ނިޒާމު ތަޢާރަފުކުރުމުން ޕާޓީތަކުގެ މެމްބަރުންގެ ދަފުތަރާ ގުޅޭގޮތުން ކުރިން ހުށަހެޅިފައިވާ މައްސަލަތައް ވަނީ ޙައްލުވެފައެވެ.
މީގެ އިތުރުން، ސިޔާސީ ޕާޓީއެއްގައި ނޫޅޭކަމުގެ ލިޔުންވެސް މިހާރު ރައްޔިތުންނަށް ނެގޭނީ މި އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށް އީސީން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ