ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު ޕީއެންސީއަށް ވައްދުމަށް ބޭނުންކުރި ފޯމްގައި އެހެން މީހެއްގެ ފިންގާ ޕްރިންޓް ޖަހައި ހުށަހެޅި މައްސަލާގައި، އިލެކްޝަންސް ކޮމިޝަނުން ޕީއެންސީ 5000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ. ނަމަވެސް މި މައްސަލާގައި ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ނުލިބޭތީ މައްސަލަ ފައިލްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ތޯރިގު މިދިޔަ އަހަރުގެ ޑިސެމްބަރު 31 ގައި ފުލުހުންނަށް ހުށަހެޅި މި މައްސަލާގައި، ފޯމުގައި ޖެހިފައިވާ ފިންގާ ޕްރިންޓް ފުލުހުންގެ ޑޭޓާބޭސްގައިވާ އެއްވެސް ފިންގާ ޕްރިންޓަކާ ދިމާނުވާކަން މިދިޔަ އަންގާރަ ދުވަހު ފުލުހުން ތޯރިގަށް އަންގައިފި އެވެ. މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން ޕީއެންސީ ޖޫރިމަނާކުރި ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަބަދުވެސް އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުރި ތޯރިގަށް ނޭނގި އޭނާ ޕީއެންސީއަށް ވައްދުމަށް ސައްހަ ނޫން ލިޔުމެއް ހަދައިގެން ހުށަހެޅި މި މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައި ތޯރިގު ސޯޝަލް މީޑިއާގައި ވިދާޅުވީ، އޭނާގެ ޒާތީ މަޢުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ވެސް ބަލައިނުދިނީ ކަމަށެވެ. މިއީ ސްކޭމްތަކާއި އެފަދަ ކަންކަމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރާ ކަންކަން ކަމަށް އޭނާ ދެކޭ ކަމަށް ވިދާޅުވި އެވެ.
ފޯމު ފުރި މީހުންނާއި ހެކިންނާއި ފޯމު ޗެކުކުރި މީހުންނާއި ފޯމު ހުށަހެޅި މީހުންގެ ސޮޔާއި ފިންގާ ޕްރިންޓް އެނގެން އޮތްއިރު ވެސް އެއިން އެއްވެސް ކަމަކަށް ބެލުމެއްނެތި މައްސަލަ ނިންމާފައި ވާތީ، މި މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބަލައިދޭން އެދޭ ކަމަށް ތޯރިގު ވިދާޅުވި އެވެ.
ސައްހަ ނޫން ފޯމުތަކުގެ މައްސަލައިގައި ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވުމުން، ވެރިކަން ހިންގާ ޕީއެންސީން ނެރުނު ބަޔާނެއްގައި ވެސް ވަނީ މެންބަރުން އިތުރުކުރުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް އީސީއަށް ހުށަހެޅިފައިވާ ކަމަށް އެއްބަސްވެފަ އެވެ.
މި ފާޑުކިޔުން އަމާޒުވީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން އާންމުންގެ މަޢުލޫމާތު ނަގައިގެން ޕީއެންސީއަށް މީހުން ވައްދާ ކަމުގެ ތުހުމަތާ އެކު، ނެޝަނަލް ރެޖިސްޓްރޭޝަންގެ ތެރޭގައި ޕާޓީއަށް ފޯމު ފުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް އާންމުވުމާ އެކުގަ އެވެ. މި މައްސަލައިގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނަށް ބޮޑެތި ތުހުމަތުތަކެއް ކުރި ނަމަވެސް އޭނާ ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފަ އެވެ.
އީސީން ކުރިން ހާމަކޮށްފައިވާ ގޮތުގައި މީހުންނަށް ނޭނގި ސިޔާސީ ޕާޓީ ބަދަލުވުމާއި ޕާޓީތަކަށް ވެއްދުމުގެ 300 މައްސަލައެއް ހަ މަސް ދުވަހުގެ ތެރޭގައި ލިބިފައިވެ އެވެ.
ކޮމެންޓު ފޮނުވާ