މާފަންނުގައި ޖީޕީ ކްލިނިކެއް ހުޅުވަން ތައްޔާރުވަނީ

މާފަންނުގައި ޖީޕީ ކްލިނިކެއް ހުޅުވަން ތައްޔާރުވަނީ

Author
ހުސައިން
02 ޖުލައި 2025 10:25
0

މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން މާލޭގައި ގާއިމުކުރަން ހަމަޖެހިފައިވާ ހަތަރު ކްލިނިކުގެ ތެރެއިން ފުރަތަމަ ކްލިނިކް، މިމަހު ހުޅުވުމަށް ތައްޔާރުވަމުން އަންނަކަމަށް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ހާމަކޮށްފިއެވެ. މާފަންނު ކޮރަލް ބޮލެވާޑްގައި ހުންނަ އިމާރާތެއްގައި ގާއިމުކުރާ މި ޖީޕީ ކްލިނިކަކީ އާންމު ބަލިތަކަށް ފަރުވާ ހޯދުމަށް ޚާއްޞަކޮށްގެން ހުޅުވާ ތަނެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ފާހަގަކުރެއްވީ، މިފަދަ ކްލިނިކްތައް ހުޅުވުމުން އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމަށް ކުރިމަތިވެފައިވާ ދަތިތައް ލުއިވެގެންދާނެ ކަމަށެވެ.

މި ކްލިނިކްގެ ޚިދުމަތް ދިނުމުގައި އާ ނިޒާމެއް ތައާރަފުކުރާނެ ކަމަށް ހަލީމް ވިދާޅުވިއެވެ. އެގޮތުން ސްޕެޝަލިސްޓުންނާއި ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކޭނީ، ފުރަތަމަ އާންމު ބަލީގެ ޑޮކްޓަރަކު ބަލައި، އެ ޑޮކްޓަރު ރިފަރ ކުރުމުންނެވެ. މިހާރު އައިޖީއެމްއެޗްގައި ސްޕެޝަލިސްޓުންނަށް ދެއްކުމަށް ބަލިމީހުން އަމިއްލައަށް އެޕޮއިންޓްމަންޓް ހަދަމުންދާ ކަމަށާއި، އަލަށް ތައާރަފުކުރާ ނިޒާމުގެ ދަށުން މި ކަންތައް އަވަސްވެ، ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ކްލިނިކް ހުޅުވުމާއެކު، އައިޖީއެމްއެޗްގެ ޚިދުމަތްތައް ފުޅާކުރުމުގެ އިތުރު މަސައްކަތްތަކެއް ވެސް ކުރިއަށްދާކަން މާލެ ގްރޫޕުން ހާމަކޮށްފިއެވެ. އެގޮތުން އައިޖީއެމްއެޗަށް 75 އެނދު އިތުރުކުރުމުގެ މަޝްރޫއެއް ކުރިއަށްދާ ކަމަށާއި، ދަރުމަވަންތަ ހޮސްޕިޓަލްގެ 17 ވަނަ ފްލޯގައި 16 އެނދުގެ އެންއައިސީޔޫއާއި 6 އެނދުގެ ޑެލިވަރީ ސޫޓެއް ގާއިމުކުރާނެ ކަމަށް ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން އެ ހޮސްޕިޓަލްގެ 18 އަދި 19 ވަނަ ފްލޯގައި ވެސް 14 އެނދު ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.