އައްޑޫ ހިތަދޫގައި ކަފި ހުރަހުން ހިގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް

އައްޑޫ ހިތަދޫގައި ކަފި ހުރަހުން ހިގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް

Author
ހުސައިން
02 ޖުލައި 2025 09:38
0

އައްޑޫ ސިޓީ ހިތަދޫގައި މިރޭ 74 އަހަރުގެ ފިރިހެނަކާ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި ހާދިސާ ހިނގީ އުމުރުން ދުވަސްވީ މީހާ ކަފިހި ހުރަސް މަތިން މަގު ހުރަސްކުރަމުން ދަނިކޮށެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުގައި، އުމުރުން ދުވަސްވީ މީހާ ކަފިހި ހުރަސް މަތިން ދަނިކޮށް ދަނިކޮށް، ބާރު ސްޕީޑުގައި އައި ސައިކަލެއް ސީދާ އޭނާގެ ގައިގައި ޖެހިފައިވެއެވެ. މި ހާދިސާގެ ސަބަބުން އޭނާ މަގުމައްޗަށް ވެއްޓުމުގެ އިތުރުން، ސައިކަލު ދުއްވި މީހާ ވެސް މަގުމައްޗަށް ވެއްޓިފައިވާ ކަން ވީޑިއޯއިން ހާމަވެއެވެ.

ފުލުހުންގެ މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓު ލިބުނީ ހަވީރު 7:24 ގައެވެ. ސައިކަލު ދުއްވީ 59 އަހަރުގެ ފިރިހެނެއް ކަމަށާއި، ހާދިސާގައި އަނިޔާ ލިބުނު ދެ ފަރާތަށް ވެސް ވަގުތުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.

ހޮސްޕިޓަލުން ދީފައިވާ މައުލޫމާތުގައި، ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ސައިކަލު ދުއްވި މީހާގެ އުޅަނބޮށި މަށައިގެންގޮސްފައިވާ ކަމަށާއި، އެމާޖެންސީ ޑިޕާޓްމަންޓުގައި ދެ ފަރާތަށް ވެސް ފަރުވާ ދެމުން ގެންދާ ކަމަށް އެނގިފައިވެއެވެ. 74 އަހަރުގެ މީހާއަށް ބޭރު ފުށުން އަނިޔާއެއް ނުވާ ކަމަށް ވެސް ހޮސްޕިޓަލުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ. އައްޑޫ ސިޓީއަކީ ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ސަރަހައްދު ކަމަށްވާއިރު، ގުޅިފައިވާ ރަށްތަކުގެ މެދުގައި އޮންނަ ލިންކް ރޯޑުގައި މިފަދަ ނުރައްކާތެރި ހާދިސާތައް ތަކުރާރުވަމުން އަންނަ ކަން ފާހަގަކުރެވެއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރު ޖުމްލަ 1,538 ޓްރެފިކް އެކްސިޑެންޓް ރިޕޯޓުކުރެވިފައިވާއިރު، އޭގެ ތެރެއިން އައްޑޫ ސިޓީން ރިޕޯޓުވެފައިވަނީ 18 މައްސަލައެކެވެ. މި ހާދިސާތަކުގެ ސަބަބުން ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ނުރައްކާ ކުރިމަތިވަމުންދާތީ، ޓްރެފިކް ގަވާއިދުތަކަށް އިތުރަށް ސަމާލުކަން ދިނުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.