ރ. އަތޮޅުގައި ދަތުރުކުރާ އާރުޓީއެލް ފެރީގެ ޓިކެޓުގެ އަގު ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައި، މި ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން އަގު ނަގަން ފަށާނެ ކަމަށް އެމްޓީސީސީން އިއުލާނުކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ވައުދާ އެއްގޮތަށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ފެށުނު މި ހިދުމަތް، ފެށިގެން މިހާތަނަށް ހިލޭ ދަތުރުކުރެވެމުން އައިސްފައިވާ އިރު، މާދަމާ ހިލޭ ދަތުރުކުރެވޭ މުއްދަތު ހަމަވާނެއެވެ.
އެމްޓީސީސީން ބުނި ގޮތުގައި ބުރާސްފަތި ދުވަހުން ފެށިގެން ފެރީ ޓިކެޓް ލިބޭނީ 35 ރުފިޔާއާއި 125 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. އަދި ހަމަ އެ ދުވަހުން ފެށިގެން ރަށު ކައުންސިލްތައް މެދުވެރިކޮށް ފެރީގައި ޖާގަ ދޫކުރުން ހުއްޓާލުމަށް ވެސް ނިންމާފައިވެއެވެ.
ކަސްޓަމަރުންނަށް ފަސޭހަ ކުރުމުގެ ގޮތުން މިއަދުން ފެށިގެން އެމްޓީސީސީގެ ހާއްސަ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރ. އަތޮޅުގެ އާރުޓީއެލް ރޫޓްތަކަށް ޓިކެޓް ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދިނެވެ.
އަގު ނަގަން ފެށި ނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށާއި އެންސްޕާގައި ރަޖިސްޓްރީކޮށްފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެމުން ގެންދާ ހިލޭ ދަތުރުކުރުމުގެ ފުރުސަތު ކުރިއަށް ވެސް ދެމުން ގެންދާނެ ކަމަށް އެމްޓީސީސީން ހާމަކުރިއެވެ.
އެމްޓީސީސީން ބުނި ގޮތުގައި މި މަހުގެ ތެރޭގައި ބ. އަތޮޅުގައި ވެސް އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ. މިއީ ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ބައެއްގެ ގޮތުގައި ފެށި ހިދުމަތެކެވެ.
ކޮމެންޓު ފޮނުވާ