ތައިލޭންޑުގެ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނަވަތުރާ، ކެމްބޯޑިއާގެ ސިޔާސީ ލީޑަރެއް ކަމުގައިވާ ހުން ސެން އާ ދެމެދު ކުރެވުނު ފޯނު ކޯލެއް ލީކުވުމާ ގުޅިގެން، ދުސްތޫރީ ކޯޓުން ވަގުތީ ގޮތުން މަޤާމުގެ ޒިންމާތަކުން ސަސްޕެންޑު ކޮށްފިއެވެ.
ދުސްތޫރީ ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، 7-2 ގެ އަޣުލަބިއްޔަތަކުން ނިންމާފައިވަނީ ޖުލައި 1 އިން ފެށިގެން މައްސަލަ ބެލުން ނިމެންދެން ބޮޑުވަޒީރު މަޤާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކުން ސަސްޕެންޑް ކުރުމަށެވެ. މި މުއްދަތުގައި ސަރުކާރު ހިންގުމުގެ ޒިންމާ އުފުލަވާނީ ބޮޑުވަޒީރުގެ ނައިބެވެ.
38 އަހަރުގެ ބޮޑުވަޒީރު ޕެޓޮންގްޓާން، ލީކުވި އޯޑިއޯގައި ހުން ސެން އަށް މުޚާޠަބުކުރައްވަނީ "އަންކަލް" މިހެން ކިޔައިގެންކަން ފާހަގަކުރެވިފައިވެއެވެ. މީގެ އިތުރުން އެ ކޯލްގައި ތައިލޭންޑުގެ އަސްކަރީ ކޮމާންޑަރުންނަކީ އިދިކޮޅު މީހުން ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވެފައިވާކަން އެނގިފައިވެއެވެ.
މި މައްސަލަ އުފެދުނީ، ތައިލޭންޑާއި ކެމްބޯޑިއާގެ ބޯޑަރު ސަރަޙައްދުގައި ދިގު ޒަމާނެއް ވަންދެން ހުރި ޚިލާފުތައް، މިދިޔަ މެއި މަހު ބޮޑުވެ، ކުރިމަތިލުންތަކެއް ހިނގުމުންނެވެ. އެ ހަމަލާތަކުގައި ކެމްބޯޑިއާގެ ސިފައިންގެ މީހަކު މަރުވެފައިވެއެވެ.
ގާނޫނު ހަދާ މަޖިލީހުގެ ކޮންޒަވެޓިވް މެންބަރުން ބުނާ ގޮތުގައި، ބޮޑުވަޒީރުގެ މި ޢަމަލަކީ ކެމްބޯޑިއާގެ ލީޑަރުންގެ ކުރިމަތީގައި އެ ޤައުމު ބޭނުންވާ ގޮތަކަށް ވާހަކަ ދެއްކުމުގެ އިތުރުން، ތައިލޭންޑުގެ އަސްކަރިއްޔާ އަށް ވެސް ކުޑައިމީސްކަން ގެނެސްދޭ ކަމެއް ކަމަށެވެ. އެހެންކަމުން ބޮޑުވަޒީރުގެ ނަޒާހަތްތެރިކަން ގެއްލި، ސުލޫކީ މިންގަނޑުތަކާ ޚިލާފުވެފައިވާ ކަމަށް ބުނެ، އެ މެންބަރުން ވަނީ ދުސްތޫރީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
ބޮޑުވަޒީރު ޕެޓޮންގްޓާން މިއަދު ވަނީ މި މައްސަލައިގައި އަލުން މަޢާފަށް އެދިވަޑައިގަތުމުގެ އިތުރުން، އަމިއްލަ މަސްލަހަތަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި، މަޤާމުން އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ