ރާއްޖޭގެ ރިޒާވް މެނޭޖްކުރުމުގައި ފެއިލްވެ، ކުރިމަތިވެފައިވާ ފައިސާގެ ދަތިކަމުގެ ނާޖާއިޒު ފައިދާ ބީއެމްއެލްއިން ދަނީ ނަގަމުން ކަމުގައި އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ބީއެމްއެލްގެ ފަރާތުން މިއަދު އިއުލާން ކުރި ގޮތުން، ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ ލިމިޓް މާދަމާ އިން ފެށިގެން މަހަކަށް 500 ޑޮލަރަށް ބޮޑުކުރެވޭނެވެ. ނަމަވެސް މި ބަދަލާ އެކު ބީއެމްއެލް އިން ވަނީ ގިނަ ދިވެހިން ރާއްޖެއަށް މުދާ ގަނެގެން ގެންނަ ބައެއް ސައިޓްތަކަށް ފައިސާ ދައްކާއިރު 30 ޕަސެންޓާ ހަމައަށް ފީއެއް ނެގުމަށްވެސް ނިންމާފަ އެވެ.
ބީއެމްއެލްގެ ސިޔާސަތަކަށް ގެނެވުނު މި ބަދަލާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ބީއެމްއެލްގެ ބޭރު ފައިސާގެ ކާޑު ލިމިޓް 500 ޑޮލަރަށް އިތުރުކުރުމަކީ ރައްޔިތުންނަށް ލިބުނު ލުޔެއް ނޫން ކަމަށެވެ. "އެއީ ރައްޔިތުންގެ އަތުން އިތުރަށް ފައިސާ ނެގުމަށް ރޭވިފައިވާ މަކަރުވެރި ރޭވުމެއް" ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.
ރުފިޔާ ޑެބިޓް ކާޑު ބޭނުންކޮށްގެން އީ-ކޮމާސްން ކުރާ މުއާމަލާތްތަކަށް މުޅިން އަލަށް 30 ޕަސެންޓުގެ ފީއެއް ނަގަން ނިންމުމުގެ ސަބަބުން މުދާ އޮންލައިންކޮށް গަންނައިރު ޑޮލަރު ރޭޓު ބްލެކް މާކެޓަށް ވުރެ ބޮޑުވާނެ ކަމަށް ޝާހިދު ވިދާޅުވެއްޖެ އެވެ. ބީއެމްއެލްގެ މިފަދަ ފީއެއް ނެގުން އާންމުން ސިފަ ކުރަނީ "ފޭރުމުގެ" އަމަލެއްގެ ގޮތުގައި ކަމަށް ދެކެން އެވެ.
"މިއީ ހަމައެކަނި ބޭރު ފައިސާގެ މައްސަލައެއް ނޫން. މިއީ ސަރުކާރުން ބޭރުގެ ފައިނޭންސިން ހޯދުމާއި ރިޒާވް ޒިންމާދާރުކަމާއެކު މެނޭޖްކުރުމުގައި ފެއިލްވުމުގެ ސަބަބުން އުފެދުނު ފައިސާގެ ދަތިކަމުން ބީއެމްއެލްއިން ފައިދާ ނެގުން" ކަމަށް ޝާހިދު ވެސް ވިދާޅުވެއްޖެ އެވެ.
ބީއެމްއެލްގެ މި ބަދަލަކީ އާންމު ދިވެހި އާއިލާތަކުގެ މައްޗަށް އިގްތިސާދީ ބުރަ ބަދަލުވެ، ހަމަހަމަކަން ގެއްލި، ދުނިޔޭގެ މުދަލަށް ވާސިލުވުމުގެ ފުރުސަތު ހަނިވެ އަދި ދިރިއުޅުމުގެ ހަރަދުގެ ހާލަތު އިތުރަށް ގޯސްވުވަށް ހުޅުވުނޭ ދޮރެއް ކަމަށް ޝާހިދު ވިދާޅުވެއްޖެ އެވެ. "މި ސިޔާސަތުން މައްސަލަ ހައްލެއް ނުވޭ. އާންމު ރައްޔިތު މީހާއަށްވީ ގެއްލުން" ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.
ބީއެމްއެލްގެ މި ނިންމުމާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ބޭންކަށް އަމާޒުވެފަ އެވެ.
ކޮމެންޓު ފޮނުވާ