ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ވަނީ ދިވެހި ރުފިޔާ ޑެބިޓް ކާޑުތަކުން ބޭރުގެ ބައެއް އޮންލައިން ޝޮޕިންގ ސައިޓުތަކުން ކުރާ މުއާމަލާތްތަކަށް 30 ޕަސަންޓުގެ ފީއެއް ނަގަން ފަށާފަ އެވެ. މި ފީ ނަގާނީ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން ކުރާ މުއާމަލާތްތަކުންނެވެ.
ބޭންކުން ބުނި ގޮތުގައި، ކަސްޓަމަރުންގެ ބޭރުގެ މުއާމަލާތްތައް ހަމަޖެއްސުމަށް ކޮންމެ މަހަކު މަދުވެގެން 45 މިލިއަން ޑޮލަރު ފޮނުވަން ޖެހެ އެވެ. މީގެ ތެރެއިން 75 ޕަސަންޓަކީ އޮންލައިން ވިޔަފާރިތަކަށް ފޮނުވާ ފައިސާ ކަމަށާއި، އޮންލައިން ވިޔަފާރިތަކުގެ ތިންބައިކުޅަ އެއްބައި ކަމުގައިވާ މި ހަތް ސައިޓުގެ ތެރެއިން ޓީމޫ އަށް އެކަނި މަހަކު 7 މިލިއަން ޑޮލަރު ދޫކުރަން ޖެހޭ ކަމަށް ބޭންކުން ބުނެފައި ވެއެވެ.
މި ބަދަލުތަކާ އެކު، ދިވެހި ރުފިޔާ ޑެބިޓް ކާޑުތަކުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓް މަހަކު 500 ޑޮލަރަށް ވަނީ ބޮޑުކޮށްފަ އެވެ. ނަމަވެސް ރާއްޖޭން ބޭރުގައި އޭޓީއެމް އިން ނަގުދު ފައިސާ ނެގޭނެ އަދަދު މަހަކު 125 ޑޮލަރަށް ކުޑަކޮށް، އޭޓީއެމް އިން ފައިސާ ނަގާ ކޮންމެ ފަހަރަކު 10 ޑޮލަރުގެ ޗާޖެއް ނަގަން ނިންމާފައިވެ އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި، މި ބަދަލުތައް ގެނައީ މުޖުތަމައުގެ ވީހާވެސް ގިނަ ބަޔެއްގެ ފައިދާއާއި ހަމަހަމަކަމަށް އިސްކަން ދިނުމުގެ ގޮތުންނެވެ. ޑޮލަރު އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކުން މި އިތުރު ފީ ނުނަގާނެ ކަމަށާއި، ސްޓްރީމިންގ ސަރވިސްތަކަށް ފައިސާ ދެއްކުމާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ކުރާ މުއާމަލާތްތަކުން މި ފީ ނުނަގާނެ ކަމަށް ބޭންކުން ބުނެފައި ވެއެވެ.