ގެއްލުނު ބިދޭސީ މީހާ އޮތީ، ކާށިދޫ ކަނޑުގެ 550 މީޓަރު އަޑީގައި އޮތް ކޮޅު ވެއްޓީގެ އިންޖީނު ރޫމްގައި ކަމަށް ބެލެވޭ: އެމްއެމްޑީއެފް

ގެއްލުނު ބިދޭސީ މީހާ އޮތީ، ކާށިދޫ ކަނޑުގެ 550 މީޓަރު އަޑީގައި އޮތް ކޮޅު ވެއްޓީގެ އިންޖީނު ރޫމްގައި ކަމަށް ބެލެވޭ: އެމްއެމްޑީއެފް

Author
ހުސައިން
30 ޖޫން 2025 09:14
0

ސިވެކް ކުންފުނީގެ ލޭންޑިން ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި ގެއްލިގެން ހޯދަމުންދާ ބިދޭސީ ފަޅުވެރިޔާ އޮތީ ކަނޑުގެ 550 މީޓަރު އަޑީގައި ފެތިފައިވާ ކޮޅުވެއްޓީގެ އިންޖީނު ރޫމުގައި ކަމަށް ބެލެވޭ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފި އެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހު، ލޭންޑިން ކްރާފްޓު ޅ. އަތޮޅާ ފަސް މޭލަށް ކައިރިވެފައި ވަނިކޮށް ކުއްލިއަކަށް އަރިއަޅާލުމުން ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފަ އެވެ. ކޮޅުވެއްޓި ފެތިފައިވާ ސަރަހައްދަކީ ޅ. އަތޮޅާ އެއް މޭލު ދުރުގައިވާ ކަނޑު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ހާދިސާ ހިނގި ވަގުތު ލޭންޑިން ކްރާފްޓުގެ ވީލްހައުސްގައި ތިބީ ކެޕްޓަނާއި އެ ހާދިސާގައި ނިޔާވި ވޮރަންޓު އޮފިސަރ އަލީ ހާމިދު ކަމަށް އެމްއެންޑީއެފުން ހާމަކުރި އެވެ. ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާ އޮތީ އިންޖީނު ރޫމުގައި ކަމަށް ލިބިފައިވާ މައުލޫމާތުން އެނގޭ ކަމަށް އެމްއެންޑީއެފުން ބުނި ނަމަވެސް، 550 މީޓަރު ފުނަށް ދިޔުމުގެ ގާބިލުކަން އެމްއެންޑީއެފްގައި ހުރިތޯ ސުވާލު ކުރުމުން ޖަވާބެއް ދީފައެއް ނުވެ އެވެ.

އެމްއެންޑީއެފުން ވަނީ މި ހާދިސާ ހިނގި ގޮތް ބެލުމަށް އެތެރޭގެ ތަހުގީގެއް ކުރަމުން ގެންދާ ކަމަށް ހާމަކޮށްފަ އެވެ. ލޭންޑިން ކްރާފްޓުގެ ކެޕްޓަން ދީފައިވާ މައުލޫމާތު އަށް ބަލާއިރު، ކޮޅުވެއްޓި ދިޔަވަމުން ދަނިކޮށް ކުއްލިއަކަށް އަރިއަޅާލައިގެން ބަންޑުން ޖަހާލާފައިވާ ކަމަށް އެނގެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.