ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭނުންކޮށްގެން ބޭރުގެ ބައެއް އޮންލައިން ޝޮޕިންގ ސައިޓްތަކުން މުދާ ގަތުމަށް 30 ޕަސެންޓާ ހަމައަށް އިތުރު ފީއެއް ނަގަން ފަށާނެ ކަމަށް އެ ބޭންކުން އިއުލާންކޮށްފިއެވެ. މި ބަދަލު އަންނާނީ މާދަމާ އިން ފެށިގެންނެވެ.
ބީއެމްއެލްގެ ޕްރެސް ރިލީޒެއްގައި ބުނެފައިވާ ގޮތުގައި، ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރަށް ފައިސާ ދެއްކޭ މަހު ލިމިޓް 500 ޑޮލަރަށް ބޮޑުކުރުމާއެކު، ވިޔަފާރީގެ ބޭނުމަށް ބޭރުގެ "މަދު ސައިޓްތަކުން" މުދާ ގަންނަ ފަރާތްތަކުން ޑޮލަރު ގިނައިން ބޭރުކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ބޭންކުން ވަނީ ބުނެފައެވެ.
އިތުރު ފީ ނެގޭނެ ސައިޓްތަކުގެ ތެރޭގައި ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނެއެވެ. މި ސައިޓްތަކުން މުދާ ގަންނަ ކޮންމެ މުއާމަލާތަކުން ގަތް މުދަލުގެ އަގުގެ އިތުރުން 30 ޕަސެންޓާ ހަމައަށް އިތުރު ފީއެއް ނެގޭނެއެވެ.
ނަމަވެސް ފްލައިޓް ޓިކެޓް ގަތުމަށާއި، ހޮޓާ ބުކްކުރުމަށާއި، ނެޓްފްލިކްސް ފަދަ ސަބްސްކްރިޕްޝަން ސަރވިސްތަކަށް ފައިސާ ދެއްކުމާއި، އެހެނިހެން އާންމު ބޭނުންތަކަށް ބޭނުންކުރާ ސައިޓްތަކުން މުއާމަލާތްކުރާއިރު އިތުރު ފީއެއް ނުނެގޭނެ ކަމަށް ބީއެމްއެލްއިން ވަނީ ޔަގީންކަން ދީފައެވެ.
މި ބަދަލު ގެނެވެނީ ހަމައެކަނި ރުފިޔާ އެކައުންޓްތަކަށް ދޫކުރެވިފައިވާ ޑެބިޓް ކާޑުތަކަށް ކަމަށާއި، ޑޮލަރު އެކައުންޓްތަކުގެ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށް މި ބަދަލު ނާންނާނެ ކަމަށް ބޭންކުން ވަނީ ސާފުކޮށްދީފައެވެ.
ރާއްޖޭގައި އޮންލައިން ޝޮޕިންގ އާންމުވަމުން އައުމާއެކު، ޚާއްޞަކޮށް ޗައިނާގެ އޮންލައިން ސައިޓްތަކުން މުދާ ގަންނަ މީހުން ގިނަވަމުން އައިސްފައިވާއިރު، މި ބަދަލުން ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންނަށް އަސަރުކުރާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ