މާލެއިން ޅ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ލޭންޑިން ކްރާފްޓެއް ކާށިދޫ ކަނޑުގައި ބަންޑުން ޖަހާލި ހާދިސާގައި ގެއްލިފައިވާ ބަންގްލަދޭޝް މީހާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް ދިވެހި ސިފައިން ބުނެފިއެވެ.
ސިވެކް ކުންފުނީގެ "އެލްސީ 308″ ލޭންޑިން ކްރާފްޓް އިއްޔެ ބަންޑުން ޖަހާލީ ޅ. ކުރެންދޫގެ ހުޅަނގު ދެކުނުން ހަތަރު މޭލު ދުރުގައެވެ. މި އުޅަނދުގައި ދަތުރުކުރީ ހަ މީހުންނެވެ. އެއީ ތިން ދިވެހި ސިފައިންނާއި ތިން ބިދޭސީންނެވެ.
މި ހާދިސާގައި ދެ މީހުން ގެއްލުނު ނަމަވެސް، އޭގެތެރެއިން އެކަކު ފެނުނުއިރު އެމީހާ ވަނީ ނިޔާވެފައެވެ. ނިޔާވީ ތ. ހިރިލަންދޫ، ސީރީނުގެ، ވޮރަންޓް އޮފިސަރު ދޭއް، އަލީ ހާމިދެވެ. އޭނާއަކީ ދިވެހި ސިފައިންގެ ޚިދުމަތުގައި 27 އަހަރު ވަންދެން އުޅުނު މީހެކެވެ.
ދިވެހި ސިފައިންގެ ފަރާތުން ހާމަކުރި ގޮތުގައި، ހާދިސާ ހިނގި ވަގުތުން ފެށިގެން ޑްރޯން މެދުވެރިކޮށް ވައިގެ މަގުންނާއި، ކޯސްޓްގާޑުގެ އުޅަނދުތައް ބޭނުންކޮށްގެން ކަނޑު މަތިން ގެއްލުނު ބަންގްލަދޭޝް މީހާ ހޯދުމުގެ އޮޕަރޭޝަން ދަނީ ކުރިއަށެވެ. އެހެންނަމަވެސް އަދި އެ މީހާ ފެނިފައެއް ނުވެއެވެ.
ލޭންޑިން ކްރާފްޓް ބަންޑުން ޖެހި ސަބަބާއި، ހާދިސާ ހިނގި ގޮތް ބެލުމަށް ތަޙުޤީޤެއް ކުރިއަށް ގެންދާނެ ކަމަށްވެސް ސިފައިންގެ ފަރާތުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ