މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ހއ އަތޮޅުން ފެށިގެން އދ އަތޮޅާ ހަމައަށް ހުދު ސަމާލުގެ އެލާޓެއް ނެރެފިއެވެ. މި އެލާޓުގައި ބުނެފައިވަނީ ކުރިއަށް އޮތް ގަޑިތަކުގައި ވިލާގަނޑުގައި ވައިގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. މި އެލާޓުގެ މުއްދަތަކީ މިއަދު ހަވީރު 4:30 އާ ހަމައަށެވެ.
މެޓް އޮފީހުން ދިން މައުލޫމާތުގައިވާ ގޮތުން، މިހާރު ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނެއްގައި ވައި ޖެހެމުންދާއިރު، ކުރިއަށް އޮތް ގަޑިތަކުގައި ވައިގެ ބާރުމިން އިތުރަށް މަތިވާނެއެވެ. ހަމައެއާއެކު ކަނޑުތައްވެސް މިހާރު އާދައިގެ ވަރަކަށްވުރެ ގަދަވެފައިވާއިރު، ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވައިޖެހޭނެ ބާރުމިނާ ބެހޭގޮތުން މެޓުން ބުނީ، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ވައިޖެހޭއިރު، އެހެން ސަރަހައްދުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެކަމަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހދ. މަކުނުދޫގައި ކަމަށް މެޓް އޮފީހުން ހާމަކުރިއެވެ. މަކުނުދޫގައި 23.0 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް އެ އިދާރާއިން ބުނެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި، މި މޫސުން އާންމުކޮށް ފަށަނީ މޭ މަހުގެ ފުރަތަމަ ބައިގައި ކަމަށް މެޓުން ބުނެއެވެ. މި އަހަރު ހުޅަނގު މޫސުން ފެށިފައިވަނީ މޭ 7 ވަނަ ދުވަހު ދެކުނުގެ އަތޮޅުތަކަށް ކަމަށާއި، އެއީ އާދައާ އެއްގޮތަށް ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި، މޫސުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ