ލޯކަލް ކައުންސިލް އިންތިހާބު ފަސްވާތީ އިދިކޮޅުން ކަންބޮޑުވުން

ލޯކަލް ކައުންސިލް އިންތިހާބު ފަސްވާތީ އިދިކޮޅުން ކަންބޮޑުވުން

Author
ޢަލީ އާދަމް
04 ޖެނުއަރީ 2021 09:54
0

ލޯކަލް ކައުންސިލް އިންތިހާބު ބާއްވައިފިނަމަ ސަރުކާރު ފެއިލްވެފައިވާ މިންވަރު ހާމަވާނެތީ އިންތިހާބު ފަސްކުރަނީ ގަސްތުގައި ރާވައިގެންކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ވިދާޅުވީ، އިންތިޚާބު ފަސްކުރިޔަސް ރައްޔިތުންގެ ފިކުރު ބަދަލެއް ނުވާނެކަމަށާއި، ރައްޔިތުން މިހާރު ތިބީ އެއްކޮށް މާޔޫސްވެފަކަމަށެވެ. އަދި މިއީ ސަރުކާރުން ރާވައިގެން ގަސްތުގައި ކުރާކަމެއް ކަމަށް އާދަމް ޝަރިފް ވަނީ ތުހުމަތު ކުރައްވާފައެވެ.

މިކަމަށް ފާޑުވިދާޅުވެ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާޢު ވެސް ވަނީ ޓްވީޓެއް ކުރައްވާފައެވެ. ޝުޖާއު ވިދާޅުވީ އިންތިހާބު ނުބޭއްވޭ ނަމަވެސް ސްކޫލްތައް ހުޅުވޭކަމަށެވެ. އަދި ސަރުކާރުން އުޅެނީ އިންތިހާބު ބާއްވަން ނުކެރިންގެ ކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާ ޓެގްކުރައްވާ ޝުޖާއު ކުރެއްވި އިތުރު ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ މާޗް މަހުގެ ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރި ލޯކަލް ކައުންސިލް އިންތިޚަބު ނުބޭއްވޭނެކަން ކަށަވަރު ވެފައި ވަނީ މިއަދު އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނަމުން އައީ އެންމެ ލަސްވެގެން މާދަމާގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލައިފި ނަމަ މާޗްގައި އިންތިޚާބު ނުބޭއްވޭނެ ކަމަށެވެ. އެއީ، ކެމްޕޭންކުރުމާއި ވޯޓާށް ލިސްޓު އިއުލާންކޮށް ޝަކުވާ ހުށަހެޅުމާއި އިންތިޚާބުގެ އެހެން ގާނޫނީ ތަރުތީބުތަކަށް ވަގުތު ބޭނުންވާނެތީ އެވެ.

ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މިއަދު ވިދާޅުވީ އަންނަ ބުދަ ދުވަހު ބާއްވާ ކޮމިޝަންގެ ބައްދަލުވުމުގައި އިންތިޚާބާ ގުޅޭ ކަންކަމުގައި ގޮތެއް ނިންމާނެ ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން، ޝެޑިއުލްކޮށްފައި އޮތް ތާރީޚުގައި ނުބޭއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރ އަޙްމަދު ނަސީމު ސޮއިކުރައްވައި މިއަދު ނެރުއްވާފައިވާ ބަޔާނަކުން ސިއްހީ ކުއްލިނުރައްކަލުގެ ހާލަތު އަންނަ ފެބުރުއަރީ މަހުގެ 3 ވަނަ ދުވަހާ ހަމައަށް ވަނީ ދަމަހައްޓަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.