އެފްއޭއެމް އިންތިހާބު: މާދަމާ ނަން ހުށަހެޅުމަށް ހުޅުވާލާނެ

އެފްއޭއެމް އިންތިހާބު: މާދަމާ ނަން ހުށަހެޅުމަށް ހުޅުވާލާނެ

ގުޅުންހުރި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރިޔާސަތަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މާދަމާ އިން ފެށިގެން އެ ފުރުސަތު ހުޅުވާލާނެވެ. މިއަދު މީރުމާ ހޮޓެލުގައި ބޭއްވި ކޮންގްރެސްގައި އެފްއޭއެމްގެ އައު އަސާސީ ގަވާއިދު ފާސްކުރުމާއެކު، އިންތިހާބު ބާއްވާ ތާރީޚް ވަނީ އިއުލާންކޮށްފައެވެ.

އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، އިންތިހާބުގައި ވާދަކުރާން އެދޭ ފަރާތްތަކަށް ކެންޑިޑެސީ ފޯމު ހުށަހެޅޭނީ ޖުލައި 6 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ފޯމު ހުށަހަޅާއިރު ފަސް ކްލަބެއްގެ ތާއީދު ހޯދަންޖެހޭނެ އެވެ. މީގެ ތެރެއިން މަދުވެގެން ދެ ކްލަބަކީ ފުރަތަމަ ޑިވިޝަންގައި ކުޅޭ ކްލަބްތަކަކަށް ވާންޖެހޭނެ އެވެ.

ކެންޑިޑޭޓުން ހުށަހަޅާ ފޯމުތަކުގައި އެއްވެސް މައްސަލައެއް ހުރިނަމަ، ޖުލައި 9 ގައި އެކަން އަންގާނެ އެވެ. އެފަދަ މައްސަލަތައް ހައްލުކޮށް އަލުން ފޯމު ހުށަހެޅުމަށް ޖުލައި 13 ގެ ނިޔަލަށް ފުރުސަތު ދެވޭނެ އެވެ. އިލެކްޓޯރަލް ކޮމިޓީން ކެންޑިޑޭޓުންގެ އެހުލިޔަތާ މެދު ނިންމާ ގޮތް ޖުލައި 15 ގައި އިއުލާންކުރާނެ އެވެ.

އިންތިހާބުގެ ދިހަ ދުވަސް ކުރިން، ޖުލައި 16 ގައި، އިންތިހާބާ ގުޅޭ އެންމެހައި ކަންކަން ފައިނަލް ކުރުމަށް ބައްދަލުވުމެއް ބޭއްވޭނެ އެވެ. މި ބައްދަލުވުމުގައި އިންތިހާބީ ކޮންގްރެސްގެ އެޖެންޑާއާއި، ކެންޑިޑޭޓުންގެ ފައިނަލް ލިސްޓާއި، ކެންޑިޑޭޓުންނަށް ދެވޭ ނަންބަރުތައް އިއުލާންކުރެވޭނެ އެވެ. އިންތިހާބީ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 26 ގަ އެވެ.

މިހާތަނަށް އެފްއޭއެމްގެ ރިޔާސަތަށް ކުރިމަތިލާނެ ކަމަށް އިއުލާންކޮށްފައިވަނީ ހަމައެކަނި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) އެވެ. ތޯރިގު އަކީ މީގެ ކުރިން ކުޑަ މުއްދަތަކަށް އެފްއޭއެމްގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. ފާއިތުވި ދެ ފަހަރު އެފްއޭއެމްގެ އިންތިހާބު ބާއްވަން މަސައްކަތް ކުރިއިރު، ތޯރިގު ވަނީ ދެ ފަހަރުވެސް ވާދަކުރައްވާފަ އެވެ. އެހެންނަމަވެސް، ފީފާ އިން ވަނީ އެ ދެ ފަހަރުވެސް އިންތިހާބު ހުއްޓުވާލާފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ