އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަ ކޮށްފި

އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަ ކޮށްފި

Author
ހުސައިން
26 ޖޫން 2025 07:54
0

ރާއްޖޭގައި ފެހި ޤާނޫނުއަސާސީގެ ދަށުން އުފެދި ރަޖިސްޓަރީ ކުރެވުނު ފުރަތަމަ ސިޔާސީ ޕާޓީ، މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ 20 ވަނަ އަހަރީ ދުވަސް މިއަދު ގިނަގުނަ ހަރަކާތްތަކަކާ އެކު ފާހަގަކޮށްފައެވެ.

މި ޚާއްޞަ ދުވަހުގެ ހަރަކާތްތައް ފެށުނީ ހެނދުނު ޕާޓީގެ ދަނޑިކޮށި ހަރުގޭގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ. ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ރައީސް އަބްދުﷲ ޝާހިދު ގުޅިގެން ދިދަ ނެންގެވުމާއެކު، ކޮންމެ އަހަރަކު ފާހަގަކުރާ ގޮތަށް ކޭކު ފެޅުމުގެ ރަސްމިއްޔާތެއް ވެސް ކުރިއަށް ގެންދެވުނެވެ. މި ރަސްމިއްޔާތުގައި ޕާޓީ ލީޑަރޝިޕާއި އާންމު މެންބަރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވެ ވަޑައިގަތެވެ.

މެންދުރުފަހު "އެކުގާ ގަދަކޮށް" ނަމުގައި ބޭއްވި ފުޓްސަލް ޓޯނަމެންޓުގައި ސަމުގާ ޓީމުން ޗެމްޕިއަންކަން ހޯދިއިރު، އެމްޑީޕީ ޒުވާނުންގެ ރޫހުން "ލައުޑް އެންޑް ލޯކަލް" ނަމުގައި ޚާއްޞަ ޕޮޑްކާސްޓެއް ފެށުމަށް ތައްޔާރުވަމުން ދާކަން ހާމަކުރިއެވެ. ޕޮޑްކާސްޓް އިފްތިތާހުކުރުމަށް މިރޭ ހަރުގޭގައި ލައިވް މިއުޒިކް ޕާފޯމަންސެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

އަހަރީ ދުވަހުގެ ފާހަގަކުރުންތައް ކުރިއަށް އޮތް މަސްތަކުގައި ވެސް ދިގުލައިގެން ގެންދިއުމަށް ވަނީ ރާވާފައެވެ. ޖުލައި އަދި އޮގަސްޓް މަހު ރާއްޖޭގެ ހުރިހާ ސިޓީތަކުގައި ޕާޓީ ޖަލްސާތަކެއް ބޭއްވުމަށް ނިންމައިފައިވާއިރު، ޖުލައި 11 ގައި ކުޅުދުއްފުށީގައި ފުރަތަމަ ޖަލްސާ ބޭއްވުމަށްފަހު، ސިލްސިލާ ނިންމާލާނީ މާލެ ސަރަހައްދުގައި ބާއްވާ ޖަލްސާއަކުންނެވެ.

ޖުލައި 18 ގައި ފަށާ "ރަން-ރީނދޫ" ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އެމްޑީޕީގެ ދަންމަރެއް ހިފައިގެން "ރަން" އެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ފަހެއް ޓަރމް ސަރުކާރު ހިންގި ޕާޓީގެ 20 އަހަރުގެ ހިދުމަތުގައި ބައިވެރިވި އެންމެހާ ފަރާތްތަކުގެ އަގުވަޒަންކޮށް ޝުކުރު އަދާކުރުމުގެ ގޮތުން ކުރިއަށް ގެންދާ މި ޕްރޮގްރާމު ނިމޭނީ އަންނަ އަހަރުގެ މޭ މަހުގައެވެ.

މީގެ އިތުރުން މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު މިއުޒިކު ފެސްޓިވަލެއް ބޭއްވުމާއި، އެމްޑީޕީން ޤައުމަށް ގެނައި ކުރިއެރުންތައް ދައްކުވައިދޭ ކާނިވަލެއް އަދި އާޓް އެގްޒިބިޝަނެއް ވެސް ބޭއްވުމަށް ޕާޓީން ނިންމައިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

އެމްޑީޕީގެ މުހިންމު މި ފާހަގަކުރުމުގައި ޕާޓީގެ އެކި ފެންވަރުގެ މެންބަރުން އެއްބައިވަންތަކަމާއެކު ބައިވެރިވަމުން ދާއިރު، ދިވެހި ސިޔާސީ މައިދާނުގައި ޑިމޮކްރަސީ ބިނާކުރުމުގައި އެ ޕާޓީން އަދާކުރި ދައުރު ފާހަގަކުރުމުގެ ފުރުޞަތަކަށް މި ދުވަސް ވެގެން ދިޔައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.