ހުޅުމާލެ ފޭސް ދޭއްގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން ފުލުހުންނަށް ބޭނުންވާ ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް އޯތްސް ކުންފުންޏާ ހަވާލުކޮށްފިއެވެ. މި މަސައްކަތަކީ އެ ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތެކެވެ.
ފުލުހުންގެ އިދާރާއިން މި މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ހުށަހެޅުނު ޕްރޮޕޯސަލްތައް ވަޒަންކުރުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތެއްގެ ގޮތުގައި އޯތްސް ކުންފުނި ހޮވިފައިވެއެވެ. މިކަމާ ގުޅޭގޮތުން މިދިޔަ އޭޕްރިލް މަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ދާޚިލީ ވަޒީރު އަލީ އިހުސާން ވިދާޅުވީ، ފޭސް ދޭއްގައި ސީސީޓީވީ ކެމެރާ ބެހެއްޓުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.
30،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ހުޅުމާލެ ފޭސް ދޭއްގައި ސަލާމަތީ ކަންކަމާ ގުޅޭ މައްސަލަތައް އިތުރުވަމުން އަންނަކަން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ފާހަގަކުރެއެވެ. ޚާއްސަކޮށް ހިޔާ ފްލެޓް ސަރަހައްދުގައި މާރާމާރީ، މަސްތުވާތަކެތީގެ ބޭނުން، ފޭރުން އަދި ސައިކަލް ފަދަ ތަކެތި ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވަމުންދާކަން ރައްޔިތުން ބުނެއެވެ.
މި ހާލަތު ބަދަލުކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ސީސީޓީވީ ކެމެރާ ބެހެއްޓުމުގެ އިތުރުން، ކުށްކުރުމުގައި ހަރަކާތްތެރިވާ ޒުވާނުން ފާހަގަކޮށް އެމީހުންނަށް ޚާއްސަ ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާކަމަށް ދާޚިލީ ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތްތަކަކީ ފޭސް ދޭއްގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރާ މުހިންމު މަސައްކަތްތަކެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ