ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން އިސްލާމިކް ބޭންކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާގެ ލޯނު ދައްކާފައިވަނީ، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ފެބުރުއަރީ 13 ވަނަ ދުވަހު ކަމަށް މިއަދު ބޭއްވި ޝަރީއަތުގައި ހާމަވެއްޖެ އެވެ.
ޕީއެންސީގެ މެންބަރު ސިނާންގެ މައްޗަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މިދިޔަ އޮކްޓޯބަރުގައި ކޮށްފައިވާ ހުކުމާ އެއްގޮތަށް ލޯނު ދައްކަމުން ނުދާތީ، ޣާލިބު ސަލީމް ނަމަކަށް ކިޔާ މީހަކު ހުށަހެޅި މި މައްސަލާގައި، ޣާލިބުގެ ވަކީލް އިބްރާހިމް ޝިޔާމް ވިދާޅުވީ ސިނާން ތިން މަހެއްހާ ދުވަހު ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ އޮތުމުން ގާނޫނުއަސާސީގައިވާ މެންބަރެއްގެ ޝަރުތު އުނިވެފައިވާ ކަމަށެވެ.
ސިނާންގެ ވަކީލް މޫސާ އާލިމް ދެއްކެވި ވާހަކައިގައި، މެޖިސްޓްރޭޓް ކޯޓުން ސިނާންގެ ޣައިރު ހާޒިރުގައި ކުރި ހުކުމް އޭނާއަށް އެނގިފައިނުވާ ކަމަށާއި، ހުކުމް އެނގުމާއެކު އަމިއްލަ އިހްތިޔާރުގައި ލޯނުގެ ފައިސާ އެއްކޮށް ދައްކައި، ހުކުމްގެ ހަ މަހުގެ މުއްދަތު ހަމަވުމުގެ ކުރިން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
އެހެންނަމަވެސް ޣާލިބުގެ ވަކީލް އަލީ ހުސެއިން ފާހަގަކުރެއްވީ، މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއިރު ފައިސާ ނުދައްކާ ހަތަރު މަހާ ގާތްވެފައިވާ ކަމަށާއި، ޣައިރު ހާޒިރުގައި ކުރާ ހުކުމަކަށް އަމަލު ނުކުރުމަކީ އިހްތިޔާރެއް ނޫން ކަމަށެވެ.
މި މައްސަލަ ބަލައްވަނީ ފަނޑިޔާރު އައިޝާ ސުޖޫންގެ ރިޔާސަތުގައި ފަސް ފަނޑިޔާރުންގެ ބެންޗަކުން ކަމަށާއި، އަޑުއެހުންތައް ނިމުމުން ދެން އޮންނާނީ ހުކުމް އިއްވުމުގެ މަޖިލީހެވެ.
ކޮމެންޓު ފޮނުވާ