ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމަކާ އެއްގޮތަށް ފައިސާ ނުދެއްކުމުން އޭނާގެ މަޖިލިސް ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލައިގައި، ސިނާންގެ ފަރާތުން ވަނީ ހުކުމް ކުރި ކަން ނޭނގޭތީ ފައިސާ ދައްކާފައި ނުވާ ކަމަށް ބުނެފައެވެ.
މި މައްސަލައަކީ ސިނާނާއި އިތުރު ބަޔަކު ގުޅިގެން މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް އެއްބަސްވުމާ ހިލާފަށް ނުދެއްކުމުން ހުށަހެޅި މައްސަލައެއްގައި ހިތަދޫ ކޯޓުން މިދިޔަ އަހަރުގެ އޮކްޓޯބަރު 14 ގައި ކޮށްފައިވާ ހުކުމަކާ ގުޅޭ މައްސަލައެކެވެ. އެ ހުކުމުގައި ބުނަނީ 2.5 މިލިއަން ރުފިޔާ ހަ މަހުގެ މުއްދަތުގައި ބަހާލައިގެން ބޭންކަށް ދެއްކުމަށެވެ.
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ގާލިބު ސަލީމްގެ ދަޢުވާ އަކީ، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ދަށުން އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާތީ ސިނާންގެ މެންބަރުކަމުގެ ޝަރުތު އުނިވެފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ ދައުވާއެކެވެ.
މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ގާލިބުގެ ވަކީލު އިބްރާހީމް ޝިޔާމް ފާހަގަކުރީ، ހުކުމް ކުރި ތާރީހުން ފެށިގެން ތިން މަސް ދުވަސް ފާއިތުވެފައި ވާއިރު ހުކުމާ އެއްގޮތަށް އެއްވެސް ފައިސާއެއް ސިނާން ދައްކާފައި ނުވާ ކަމަށެވެ. އޭނާ ބުނީ، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބުނަނީ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ވޭތޯ ނުވަތަ ނޫންތޯ ކަމަށާއި، ހުކުމް ކުރިކަން އެނގުމާއި ނޭނގުމަކީ މި ކަމުގައި ބަލަންޖެހޭ ކަމެއް ނޫން ކަމަށެވެ.
ނަމަވެސް ސިނާންގެ ފަރާތުން ދައްކާ ވާހަކައަކީ، ހުކުމެއް ކުރި ކަން ނޭނގި އޮތް ނަމަ، ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކީ ކަމަށް ބެލެވިދާނެތޯ އާއި ޣައިރު ހާޒިރުގައި ކުރާ ހުކުމަކީ ނިހާއީ ހުކުމަކަށް ވެދާނެތޯ ކަމެވެ. ސިނާންގެ ވަކީލުން ބުނީ ތަންފީޒީ މައްސަލަ ކޯޓަށް ހުށަހެޅުމުން އާންމުންނަށް ވެސް އެކަން އެނގުނު ހިސާބުން ކަމަށާއި، އެއީ އެ މައްސަލަ ހުށަހެޅުނު ކަން އެނގުނު ވަގުތު ކަމަށެވެ.
ކޯޓުގައި މިއަދު ގިނައިރު ބަހުސްކުރެވުނީ ހުކުމް ކުރިކަން ސިނާނަށް އެނގުނު ތާރީހާއި، އެކަން އެނގުނު ފަހުން ފައިސާ ދެއްކުމާ ދޭތެރޭގައި ހިނގި މުއްދަތާ ބެހޭ ގޮތުންނެވެ. ގާލިބުގެ ފަރާތުން ބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު 16 ގައި ދަރަނި އޮތް ކަން ސިނާނަށް އެނގުނު ކަމަށާއި، އެ ތާރީހުން ފެށިގެން ވެސް ގިނަ ދުވަސްތަކެއް ހިނގި ކަމަށެވެ. އެކަމަކު ސިނާންގެ ވަކީލުން ވަނީ މި ތާރީހު ރަނގަޅު ނޫން ކަމަށާއި، ހުކުމް ކުރިކަން އެނގުނު ސީދާ ތާރީހެއް ނެތް ކަމަށް ކޯޓުގެ ރެކޯޑަށް ޓަކައި ފާހަގަކޮށްފައެވެ.
ސިނާންގެ ފަރާތުން މި މައްސަލަ ބޭރުކޮށްލުމަށް އެދޭ މައިގަނޑު ސަބަބަކީ، ހުކުމުގެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާފައިވުން ކަމަށް ބުނެފައިވެއެވެ. މި އަހަރުގެ ފެބްރުއަރީ 13 ގައި ސިނާން ވަނީ 2.5 މިލިއަން ރުފިޔާ އެކީ އެއްފަހަރާ މޯލްޑިވްސް އިސްލާމިކް ބޭންކަށް ދައްކާފައެވެ. އޭނާގެ ވަކީލު ބުނީ މި މުއާމަލާތާ ގުޅިގެން މިހާރު ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނެތް ކަމަށެވެ.
ސުޕްރީމް ކޯޓުން މިއަދުގެ އަޑުއެހުން ނިންމާލީ، ފައިސާ ދެއްކި ގޮތުގެ ތަފުސީލު ލިޔެކިޔުންތައް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޯޓާ ހިއްސާކުރުމަށް ސިނާނަށް މުއްދަތު ދީފައެވެ. މި ލިޔެކިޔުންތަކާ ގުޅިގެން ވާހަކަ ދައްކަން ބޭނުންވެއްޖެ ނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ރިޔާސަތު ފަނޑިޔާރު އައިޝަތު ޝުޖޫނު ވިދާޅުވިއެވެ. މި މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލީ ރަޝީދު، ފަނޑިޔާރު މުހައްމަދު އިބްރާހީމް، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.
ކޮމެންޓު ފޮނުވާ