ރާއްޖޭގެ މައި އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މުޅި އަހަރަށް ދެމިގެންދާ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. މި ކަން ހާމަކުރެއްވީ އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި، 20 އަހަރަކީ ވަރަށް މުހިއްމު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރާނެ އަހަރެކެވެ. އެމްޑީޕީއަކީ ރާއްޖޭގައި އެންމެ ގިނަ ދުވަހު ދެމިއޮތް ސިޔާސީ ޕާޓީކަން ފާހަގަކުރައްވައި، ރާއްޖެއަށް ގިނަ ބަދަލުތައް ގެނައުމުގެ އެއް މޭސްތިރިއަކީ ވެސް އެމްޑީޕީ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެކަން ފާހަގަކުރުމުގެ ގޮތުން މުޅި މި އަހަރަށް ދެމިގެންދާ ގޮތަށް ޕްރޮގްރާމުތަކެއް ކުރިއަށް ގެންދަން ގަސްދުކޮށްފައި ވަނީ. އޭގެ ބޭނުމަކީ މިހާރުގެ ޖީލުތަކަށް ވެސް ފާއިތުވި އަހަރުތަކުގެ ތެރޭގައި އިސްލާހަށް ކުރެވުނު މަސައްކަތްތަކާއި އޭރުގެ ހާލަތައްތައް އަންގައިދީ އަދި ކުރިއަށް އޮތް ތަނަށް ވެސް ރާއްޖެއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެ، އެކަންކަން ކާމިޔާބުކުރުމުގައި އޮންނާނީ އެމްޑީޕީކަން ދައްކައިދިނުމުގެ ގޮތުން،" ފައްޔާޒު ވިދާޅުވިއެވެ.
އެމްޑީޕީއަށް 20 އަހަރު ފުރޭ ދުވަހަކީ މާދަމާއެވެ. އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މާދަމާ ހެނދުނު ޕާޓީގެ އާންމު މެންބަރުންނާއެކު ހެނދުނުގެ ސައި ބާއްވައި، ކޮންމެ އަހަރެކޭ އެއްގޮތަށް ދިދަ ނެގުމުގެ ރަސްމިއްޔާތު ދަނޑިކޮށި ޖަގަހަ އާއި ބައެއް ރަށްރަށުގައި ބާއްވާނެއެވެ. މީގެ އިތުރުން ކޭކު ފެޅުމުގެ ހަރަކާތަކާއި، މެންދުރުން ފެށިގެން ޕާޓީގެ އެތެރޭގެ ފުޓްސަލް މުބާރާތެއް ވެސް ކުރިއަށް ގެންދާނެއެވެ.
ޒުވާނުންގެ ރޫހުން ޕޮޑްކާސްޓެއް ފަށާނެ ކަމަށާއި، ރާއްޖޭގެ ކޮންމެ ސިޓީ އެއްގައި ޕާޓީގެ ޖަލްސާ އެއް ބާއްވާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ. ޖުލައި މަހު ފުރަތަމަ ޖަލްސާ އޮންނާނީ ކުޅުދުއްފުށީގައި ކަމަށާއި، ޖަލްސާތައް ނިންމާލާނީ މާލެ އިން ކަމަށް އޭނާ ވިދާޅުވިއެވެ.
18 ޖުލައިގައި 'ރަން ރީނދޫ’ގެ ނަމުގައި މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ދުވުމެއް ފެށޭނެ ކަމަށާއި، މިޔުޒިކް ޝޯއެއް ބާއްވާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ. އަދި އެމްޑީޕީން ރާއްޖެއަށް ގެނެސްދިން ބަދަލުތައް ފެންނާނެ އިވެންޓަކާއި، އާޓް އެގްޒިބިޝަނެއް ވެސް ބާއްވާނެއެވެ.
ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ގެންނާނެ ބަދަލުތައް ދެނެގަތުމަށް މަސައްކަތް ފަށާނެ ކަމަށާއި، ލޯކަލް ގަވަނަންސް ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަތުމަށް މަސައްކަތްތައް ފަށާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ. މި ހަރަކާތްތައް މާދަމާ ފެށިގެން މި އަހަރާއި އަންނަ އަހަރުގެ އެކި ދުވަސްތަކުގައި ކުރިއަށް ގެންދާނެއެވެ.
ކޮމެންޓު ފޮނުވާ