ޅ. މަޑިވަރު އެއާޕޯޓާ ދިމާ ކަނޑުމަތިން ރޭ ހިނގި ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި ހާދިސާގައި އަނިޔާވި ދެ މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މި ހާދިސާ ހިނގީ ރޭ 8:26 ހާއިރު އެވެ. ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި އަނިޔާވި ތިން މީހުންނަށް ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔައިރު، އޭގެ ތެރެއިން ދެ މީހަކު އިތުރު ފަރުވާއަށް މާލެ ގެނައުމަށް ޑޮކްޓަރުން ލަފާދިން ކަމަށެވެ. މާލެ ގެނެސްފައިވަނީ ޑިންގީގެ ކެޕްޓަނާއި އިތުރު މީހެއް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާގައި ބައިވެރިވެފައިވަނީ ޅ. ކަނުހުރާ ރިސޯޓަށް ގެސްޓުން ގެންދިޔުމަށް ދަތުރުކުރި ލޯންޗަކާއި އެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ ޑިންގީއެކެވެ. އަނިޔާވި ތިން މީހުންނަކީ ޑިންގީގައި ދަތުރުކުރި މީހުން ކަމަށްވެ އެވެ.
ހާދިސާއަށްފަހު ޑިންގީ ގެއްލިފައިވާ ކަމަށާއި، އެ އުޅަނދު އަޑިއަށް ގޮސްފައިވާ ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ. ޑިންގީ ހޯދުމަށް ކުރި މަސައްކަތުގައި މިހާތަނަށް އެ އުޅަނދު ފެނިފައެއް ނުވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ހާދިސާގައި ޑިންގީއަށް ވަރަށް ބޮޑަށް ގެއްލުންވެފައިވެ އެވެ. ޑިންގީގެ ކުރީ ބައި ވަރަށް ބޮޑަށް ހަލާކުވެފައި އޮތްއިރު، ލޯންޗުގެ ކުރިމަތީގައި ވެސް ލޭ އުނގުޅިފައި ހުރި ކަން ފާހަގަކުރެވެ އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާއިރު، ކަނޑުދަތުރުތަކުގައި ސަލާމަތީ ފިޔަވަޅުތައް އަޅައި ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ މުހިންމުކަން މި ހާދިސާއިން ފާހަގަވެގެން ދެއެވެ.
ކޮމެންޓު ފޮނުވާ