އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅޭ ގޮތުން ސަން ކޮންސްޓްރަކްޝަން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތުގެ އަޑުއެހުންތައް ނިމިއްޖެއެވެ.
ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ހިންގާފައިވާ ކަމަށް ބުނާ ހިޔާނާތާ ގުޅިގެން ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތްތަކަށް މިހާރު ވަނީ ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވެފައެވެ. މި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލިފައިވާއިރު، ސަން ކޮންސްޓްރަކްޝަން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލިފައިވެއެވެ.
މި މައްސަލާގައި އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ. އެ ދައުވާތައް ގެންދިޔައީ އަޑުއެހުންތައް ނުބޭއްވި ލަސްވަމުން ދިއުމުންނެވެ.
މި މައްސަލާގައި ސަންގެ ދެ ކުންފުނީގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް ގިނަ ދުވަސްތަކަކަށް ފަހު މިދިޔަ އާދިއްތަ ދުވަހު ބޭއްވިފައިވެއެވެ. ތިން ގަޑިއިރަށް ވުރެ ދިގުކޮށް ކުރިއަށް ދިޔަ އެ އަޑުއެހުމުގައި ދައުލަތާއި ދިފާއުގެ ހުލާސާ ބަޔާން ނަގައި ނިންމާލާފައިވެއެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވި ގޮތުގައި މި މައްސަލާގައި ދެން އޮންނާނީ ހުކުމް ކުރުންކަމަށާއި، ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން ކުރިއަށް އޮތް 30 ދުވަސް ތެރޭ ބާއްވާނެ ކަމަށެވެ. އެކަމަކު ވަކި ތާރީހެއް ވިދާޅުވެފައެއް ނުވެއެވެ.
ހުލާސާ ބަޔާން އިއްވަމުން ދައުލަތުން ބުނި ގޮތުގައި، ފުއްގިރި ކްލޭސިކް ސިޓީއަށް ކުއްޔަށް ދިނުމާ ގުޅޭ މުއާމަލާތުގެ ބައްދަލުވުންތަކުގައި ސަން ކުންފުނީގެ ބައިވެރިވުން އޮތްކަން އެނގެއެވެ. އަހުމަދު ކްރިކް ރިޒާ އާއި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި ސަން އިންވެސްޓްމަންޓުގެ ޕާޗެސިން ޑިރެކްޓަރު އަލީ މައުރޫފް އެ ބައްދަލުވުންތަކުގައި ބައިވެރިވި ކަމަށް ހެކިބަހުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނި ގޮތުގައި މައުރޫފާއި ރިޒާއަކީ ފުއްގިރި ކުއްޔަށްދިނުމުގެ މުއާމަލާތާ އެއްވެސް ގުޅުމެއް ހުރި ބައެއް ނޫންކަން ލިޔުންތަކުން އެނގޭއިރު، މައުރޫފް މި ބައްދަލުވުމުގައި ބައިވެރިވި ސަބަބާ މެދު ސުވާލު އުފެދެއެވެ. ރަށް ކުއްޔަށް ދިނުމާ ބެހޭ ބައްދަލުވުންގައި ބައިވެރިވުމަށް ފަހު، އެ ރަށާ ގުޅުންހުރި ފައިސާ ޔާމީންއަށް ވާސިލްކޮށްދިނުމުގައި ސަން ކުންފުނީގެ ފަރާތުން މައުރޫފު ސީދާ ބައިވެރިވި ކަމަށް ހެއްކާއި ގަރީނާއިން އެނގޭ ކަމަށް ދައުލަތުން ބުނެއެވެ.
"ކަނޑައެޅިގެން ފައިސާ ދޮވުނީ. ސިރިތަކުމާރު ދިން ހެކިބަހަށް ބަލާއިރު، ރައީސް ޔާމީން ބޭނުންވާތީ، ކްރިކް ފައިސާތަކެއް ހިފައިގެން އަންނާނެ ކަމަށް ބުނި. މި ފައިސާ ސަން ކޮންސްޓްރަކްޝަނަށް ޖަމާކުރިއިރު ވެސް ރައީސް ޔާމީންގެ ފައިސާކަން އެނގޭ،" ހުލާސާ ބަޔާނުގައި ދައުލަތުން ބުންޏެވެ.
ސަންގެ ދެ ކުންފުނީގެ ފަރާތުން ދައުވާތަކަށް އިންކާރުކުރެއެވެ. އެ ކުންފުނިތަކުގެ މައިގަނޑު ދިފާއަކީ ކްރިކް ދިން ފައިސާ އެ ކުންފުނިތަކަށް ޖަމާކުރިއިރު، އެ ފައިސާއާ ގުޅިގެން އެއްވެސް ފަރާތަކުން ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓް ފޮނުވާފައި ނުވާތީ، އެ ފައިސާގެ ހަގީގަތް އެ ކުންފުނިތަކަށް ނޭނގޭ ކަމަށެވެ.
ސަން ކޮންސްޓްރަކްޝަނުން ބުނާ ގޮތުގައި، އެ ކުންފުނީގެ ފަރާތުން ސަން އިންވެސްޓްމަންޓަށް ފައިސާ ފޮނުވީ ސަން ކޮންސްޓްރަކްޝަނަކީ ޑޮލަރު މާރުކުރުމުގެ ހުއްދަ ނެތް ކުންފުންޏަކަށްވާތީއެވެ. އެކަމަކު ދައުލަތުން ބުނަނީ ސަން އިންވެސްޓުމަންޓަކީ ވެސް އެ ހުއްދަ އޮތް ކުންފުންޏެއް ނޫން ކަމަށެވެ. އެހެންކަމުން، ދައުލަތުން ދެކެނީ އެއް ކުންފުނިން އަނެއް ކުންފުންޏަށް ފައިސާ ދައުރު ކުރި ގޮތާ ގުޅޭ ގޮތުން އެ ކުންފުނީގެ ފަރާތުން ހުށަހަޅާ ދިފާއަކީ "ކަނޑައެޅިގެން ދޮގެއް" ކަމަށެވެ.
އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅޭ ވ. އާރަށް މައްސަލައިގައި އިއްވި 11 އަހަރުގެ ޖަލު ހުކުމުން މިނިވަންވެ ހުންނެވި ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ކުރާ ޝަރީއަތުގެ އަޑުއެހުންތައް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. މި މައްސަލާގައި ޔާމީންގެ ޝަރީއަތުގެ ހެކިބަސް ނަގާ ނިމިފައިވާއިރު، ހެއްކާ ބެހޭ ގޮތުން ވާހަކަދެއްކުމަށްޓަކައި އަންނަ މަހުގެ 20ގައި އަޑުއެހުމެއް ބާއްވަން ވަނީ ހަމަޖައްސާފައެވެ.
ފުއްގިރި މައްސަލާގައި ދައުލަތުން ބުނެފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންސް ލިމިޓެޑްއަށް ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތެއް ހިންގާފައިވާ ކަމަށެވެ. މި މުއާމަލާތާ ގުޅިގެން ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި ޔާމީން ހޯއްދެވި ކަމަށް ތުހުމަތުކުރެވޭ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރު ސަން ކުންފުނިތައް މެދުވެރިކޮށް ޔާމީންގެ އެކައުންޓަށް ޖަމާކޮށް، ފައިސާ ފަށަލަކޮށްދީ ލޯންޑަރުކޮށްފައިވާ ކަމަށް ދައުލަތުން ތުހުމަތު ކުރެއެވެ.
ކޮމެންޓު ފޮނުވާ