ހެޔޮވެރިކަމުގެ ނިޒާމުގައި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ދައުރު ފާހަގަ ކުރެއްވުމުން އދ.އިން މަރުޙަބާ ކިޔާއިފި

ހެޔޮވެރިކަމުގެ ނިޒާމުގައި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ދައުރު ފާހަގަ ކުރެއްވުމުން އދ.އިން މަރުޙަބާ ކިޔާއިފި

Author
ހުސައިން
24 ޖޫން 2025 11:51
0

ޤައުމުގެ ތަރައްޤީއާއި ކުރިއެރުމުގައި ސިވިލް ސަރވިސްގެ މުވައްޒަފުން އަދާކުރާ މުހިންމު ދައުރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވުމާ ގުޅިގެން އދ.އިން އެކަމަށް މަރުޙަބާ ކިޔާއިފިއެވެ.

އދ.ގެ ފަރާތުން މި މަރުޙަބާ ކިޔާފައިވަނީ، ކޮންމެ އަހަރެއްގެ ޖޫން 23 ގައި ފާހަގަކުރާ ޕަބްލިކް ސާވިސް ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކުންނެވެ. މި ދުވަހަކީ ދައުލަތުގެ ޚިދުމަތްތެރިން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް، ޤައުމީ ތަރައްޤީގައި އެމީހުންގެ ހިއްސާ ދެނެގަތުމަށް ޚާއްޞަކޮށްފައިވާ ދުވަހެކެވެ.

ޕަބްލިކް ސާވިސް ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، ދައުލަތުގެ ޚިދުމަތްތެރިންނަކީ ހެޔޮވެރިކަމުގެ ތަނބުތަކެއް ކަމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ނުހަނު މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ. އަދި ޤައުމުގެ ކުރިއެރުމާއި ރައްޔިތުންގެ ހެވާއި ލާބައަށް ސިވިލް ސަރވިސްގެ މުވައްޒަފުންނާއި ދައުލަތުގެ މުއައްސަސާތަކުން ދޭ އެއްބާރުލުމާއި އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އދ.އިން ފާހަގަކޮށްފައިވަނީ، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން ހިތްވަރާއެކު ޤައުމަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ދެނެވަޑައިގަންނަވާކަން ސާބިތުވެފައިވާ ކަމަށެވެ. އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަކީ ހެޔޮވެރިކަމުގެ ތަނބުތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ބަލައްވާކަން ފާހަގަކުރެއްވުމަކީ، ދައުލަތުގެ ޚިދުމަތްތެރިންނަށް ލިބޭ ބޮޑު ހިތްވަރެއް ކަމުގައި އދ.އިން ވަނީ ބަޔާންކޮށްފައެވެ.

ޕަބްލިކް ސާވިސް ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ ޚިދުމަތްތެރިންގެ މަސައްކަތް އަގުވަޒަންކުރުމާއެކު، ޒުވާނުން ސަރުކާރުގެ މުއައްސަސާތަކާއި އިދާރާތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިކުރުވުމެވެ. މިއީ ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް ޒުވާން ޖީލުގެ ބައިވެރިވުން އިތުރުކޮށް، ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.