ވަގުތު ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރަކާ ގުޅިގެން އެ ނޫހުގެ ނޫސްވެރިންނަށް މަރުގެ އިންޒާރުދެމުންދާތީ، އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފި އެވެ.
"ވަގުތު 26 ތަޙުޤީޤު: އައްޑޫ ހަރުކަށިފިކުރުގެ ވިއުގަ – ފިތްކަނޑައިގެންދާހާ ވަރުގަދަ!" މި ސުރުހީގެ ދަށުން އެ ނޫހުގައި ލިޔެފައިވާ ރިޕޯޓާއި ގުޅިގެން އެ ނޫހުގެ ނޫސްވެރިންނަށް މަރުގެ އިންޒާރު ލިބެމުންދާކަން، ކައުންސިލްގެ ސަމާލުކަމަށް އައިސްފައި ވާކަމަށް އެމްއެމްސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ކަންބޮޑުވުންތަށް ފުލުހުންގެ ސަމާލުކަމަށް ގެނެސްފައި ވާކަމަށް އެ ކައުންސިލުން ބުނެއެވެ. މައްސަލަ ހިނގާފައިވާގޮތް ބަލައި ތަޙުޤީގުކޮށް، ކަމުގެ ޙަޤީގަތް ހާމަކުރުމަށް އަޅަންޖެހޭ ފިޔަވަތައް އަޅައިދިނުއަމަށް ފުލުހުންނަށް ކައުންސިލުންވަނީ އިލްތިމާސްކޮށްފަ އެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މަޢުލޫމާތު ހޯދާ ލިބިގަތުމުގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް ސަރުކާރުންނާއި މީޑިއާއާއި އެހެނިހެން ފަރާތްތަކުން ކުރާ ކަންކަން، ކަމާބެހޭ އިދާރާތަކަށް ހުށައަޅައިގެން ޙައްލުކުރުމަކީ މޯލްޑިވްސް މިޑިއާ ކައުންސިލަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާއެއް ކަމަށްވެސް އެކައުންސިލްގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެމްއެމްސީގެ ބަޔާނުގައި ބުނެފައިވަނީ، މިނިވަންކަމާއިއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޤާނޫނުން ކަށަވަރުކޮށްދޭ އަސާސީ ހައްގެއްކަމަށެވެ. މި ހައްގުގެ އިމުގެ ތެރެއިން ފާޅުކުރާ ހިޔާލެއްގެ ސަބަބުން ނޫސްވެރިޔާގެ ޖިސްމަށް ގެއްލުންދީ، ފުރާނައަށް ނުރައްކާކޮށް، ބިރުދައްކައި އިންޒާރުދިނުމަކީ އެއްވެސް ހާލެއްހައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަސްވެސް މީޑިއާ ކައުންސިލުން ބުނެއެވެ.
ކޮމެންޓު ފޮނުވާ