އީރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ތައްޔާރުވުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ. ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި މި ގަރާރުގައި ވަނީ މެދުއިރުމަތީގައި ދެމިގެންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ އިގްތިސާދީ އަދި އިޖްތިމާއީ ގޮންޖެހުންތަކަށް ކުރިޔާލާ ފިޔަވަޅު އެޅުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.
މީކާއިލް ވިދާޅުވި ގޮތުގައި، ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ހާލަތު ގޯސްވެ، އޭގެ ސީދާ އަސަރު ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ކުރާނެކަމީ ޝައްކެއް ނެތް ހަގީގަތެކެވެ.
ދިވެހިރާއްޖެއަކީ ކާބޯތަކެތި، ބޭސް އަދި ދިރިއުޅުމަށް ބޭނުންވާ އަސާސީ ތަކެތީގެ ބޮޑު ބައެއް އިމްޕޯޓުކޮށްގެން ބޭނުންކުރާ ގައުމެއްކަމުން، ހަނގުރާމައިގެ ސަބަބުން ބައިނަލްއަގްވާމީ ސަޕްލައި ޗެއިންތަކަށް ދަތިވެއްޖެނަމަ ރާއްޖެއަށް ނުހަނު ބޮޑު ގެއްލުންތަކެއް ލިބިދާނެކަމަށް ގަރާރުގައި ފާހަގަކުރެއެވެ.
ހާއްސަކޮށް ފަތުރުވެރި ސިނާއަތަށް ކުރާނެ އަސަރުތަކާ ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށް، ގަރާރުގައި ބުނެފައިވަނީ ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރަށް ހުރަސްތައް ކުރިމަތިވެއްޖެނަމަ، ރާއްޖޭގެ އިގްތިސާދުގެ މައިގަނޑު އެއް ސިނާއަތް ކަމަށްވާ ފަތުރުވެރިކަމަށް ސީދާ ގޮތުން ނޭދެވޭ އަސަރު ކުރާނެކަމަށެވެ. މިކަމުގެ ސަބަބުން ދައުލަތުގެ އާމްދަނީ ދަށްވުމާއި، ބޭރު ފައިސާ ހޯދުމުގައި ދަތިވުން ފަދަ ކަންކަން ކުރިމަތިވެދާނެކަމަށް ވެސް ގަރާރުގައި އިޝާރާތްކުރެއެވެ.
މިހެންވުމާއެކު، ތެލާއި ގޭހާއި ބޭހާއި ކާޑުގެ ބާވަތްތައް ފަދަ އަސާސީ މުދާ މެދުނުކެނޑި ރާއްޖެއަށް އެތެރެކުރެވޭނެކަން ކަށަވަރުކުރުމަށް ބޭނުންވާ ފިޔަވަޅުތައް ވަގުތުން އެޅުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށް ގަރާރުގައި ވަނީ ތަކުރާރުކޮށްފައެވެ.
މި ގަރާރު ހުށަހެޅުމުގެ ބޭނުމަކީ، ކުރިޔަށް އޮތް ދުވަސްތަކުގައި ދިމާވެދާނެ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތަކާ ދޭތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކޭގޮތް ހާމަކޮށް، މި މުހިންމު މައްސަލައިގައި ގައުމީ އެއްބައިވަންތަކަމެއް އުފެއްދުންކަމަށް މީކާއިލް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ