ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމަށް ބޮޑު ބަދަލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢިލް ޝަފީޢު ހާމަކުރައްވައިފިއެވެ. މިގޮތުން ސްކޫލު ތައުލީމު ނިންމާ މަރުހަލާ މިހާރުގެ ގްރޭޑް 10 ގެ ބަދަލުގައި ގްރޭޑް 11 އަދި 12 އަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް މިނިސްޓަރ ވިދާޅުވެއްޖެއެވެ.
މަތީ އަރުތަވެރިންގެ އިނާމުދިނުމުގެ ރަސްމިއްޔާތުގެ 5 ވަނަ ދަންފަޅީގައި އާދިއްތަ ދުވަހުގެ ރޭ ވާހަކަދައްކަވަމުން މިނިސްޓަރ ޝަފީޢު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތައުލީމީ ދާއިރާ ހަރުދަނާކުރުމަށް ކުރި މަސައްކަތުގެ ސަބަބުން ސްކޫލްތަކުގައި އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު 77 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.
ތައުލީމީ ދާއިރާގެ ކުރިއެރުން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، 2024 ވަނަ އަހަރުގެ އިމްތިހާނުގައި އޭލެވެލްއިން ފާސްވި ދަރިވަރުންގެ އަދަދު ކުރީ އަހަރާ އަޅާބަލާއިރު 106 ދަރިވަރުން އިތުރުވެފައިވާ ކަމަށެވެ. މި ކާމިޔާބީތަކަކީ ސަރުކާރުގެ ފަރާތުން ތައުލީމީ ދާއިރާއަށް ކޮށްފައިވާ ބޮޑު އިންވެސްޓްމަންޓްގެ ނަތީޖާ ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.
ސަރުކާރުން ފެށި ޕައިލެޓް ޕްރޮގްރާމުގެ ސަބަބުން ސަރުކާރު ސްކޫލްތަކުގައި އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު ކުރީ އަހަރަށްވުރެ 77 ޕަސެންޓް މަތިވެފައިވާ ކަމަށާއި، ސަރުކާރާއި ޕްރައިވެޓް ސެކްޓަރ ގުޅިގެން މުޅި ރާއްޖޭގައި އޭލެވެލް ކިޔަވާ ދަރިވަރުންގެ ޖުމްލަ އަދަދު 38 ޕަސެންޓް އިތުރުވެފައިވާ ކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ.
ތައުލީމީ ދާއިރާއަށް ސަރުކާރުން ކޮށްފައިވާ ހޭދައިގެ ތަފްސީލު ހާމަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، 2023 ވަނަ އަހަރު 437 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، 2024 ވަނަ އަހަރު މި އަދަދު 4.4 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށެވެ. މިއީ ތައުލީމީ ދާއިރާއަށް ސަރުކާރުން ދޭ އިސްކަމުގެ ވަރަށް ސާފު ހެއްކެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އޭލެވެލްގެ ފުރުސަތު ނުލިބޭ ގިނަ ދަރިވަރުންތަކެއް މިހާރުވެސް ތިބި ކަމަށް އިޢުތިރާފުވެވަޑައިގަންނަވަމުން މިނިސްޓަރ ވިދާޅުވީ، މި މައްސަލަ ހައްލުކުރުމަށް މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ވީހާވެސް ގިނަ ދަރިވަރުންނަށް އޭލެވެލްގެ ފުރުސަތު ހޯދައިދީ، އެއްވެސް ދަރިވަރަކު ތައުލީމީ ފުރުސަތުތަކުން މަހުރޫމް ނުވާނެ ގޮތަށް ނިޒާމު ބައްޓަންކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދަރިވަރުންގެ ނަތީޖާ މިހާރަށްވުރެ މަތިކޮށް، ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކަށް ވަދެވޭ ދަރިވަރުންގެ އަދަދު އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ލަނޑުދަނޑި ހާސިލުކުރުމަށް ބޭނުންވާ މަސައްކަތްތައް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދަމުންދާ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މަތީ އަރުތަވެރިންގެ އިނާމުދިނުމުގެ ރަސްމިއްޔާތުގައި 572 ދަރިވަރަކަށް އިނާމު ދީފައިވާއިރު، 2024 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުން އައުޓްސްޓޭންޑިން ޕިއަރސަންސް ލާނަރސް އެވޯޑު ހާސިލުކޮށް ދުނިޔޭގެ ފެންވަރުގައި 10 ވަނާގައި ހިމެނުނު 32 ދަރިވަރުންނަށްވެސް ޚާއްސަ އެވޯޑް ދީފައިވެއެވެ. 2023-2024 ވަނަ އަހަރު ސާނަވީ އަދި މަތީ ސާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން 1800 އަށްވުރެ ގިނަ ދަރިވަރުން މަތީ އަރުތަވެރިންގެ އިނާމް ހާސިލުކޮށްފައިވާ ކަމަށް ރަސްމިއްޔާތުގައި ހާމަކުރެވުނެވެ.
ކޮމެންޓު ފޮނުވާ