އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ ބޭސް އެތެރެކުރަން މަސައްކަތްކުރި ދެ ދިވެހިން އެ ގައުމުގެ ކަސްޓަމްސް އޮފިސަރުން ހައްޔަރުކޮށްފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.
ކޮޗިން އެއާޕޯޓުގެ ކަސްޓަމްސް އެއާ އިންޓެލިޖެންސް ޔުނިޓުން މިދިޔަ ދުވަހު ފަސް ކާޓޫނު ބޭސް ހިމެނޭ ޝިޕްމަންޓެއް ހިފަހައްޓާލާފައިވަނީ، ބޭސް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ޓެކްނިކަލް އޮފިސަރު އޮފް ޑްރަގްސް (ޓީއޯޑީ) ސެޓްފިކެޓާއި ރަސްމީ އިމްޕޯޓް/އެކްސްޕޯޓް ލައިސަންސް ފަދަ މުހިންމު ލިޔެކިޔުންތައް އެ ދެ މީހުންގެ އަތުގައި ނެތުމުންނެވެ.
ހިފަހައްޓާލެވުނު ބޭސްތަކުގެ އަގު ތިން ލައްކަ ރުޕީސް އާއި ފަސް ލައްކަ ރުޕީސްއާ ދެމެދުގައި ކަމަށް ކަސްޓަމްސް އޮފިޝަލުން މަޢުލޫމާތު ދީފައިވެއެވެ. ނަމަވެސް އެ ބޭސްތައް ހިފަހައްޓާލުމަށްފަހު، އެ ދެ ދިވެހިންނަށް ރާއްޖެ އައުމުގެ ހުއްދަ ދީފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.
ކަސްޓަމްސް އޮފިޝަލެއް ވިދާޅުވި ގޮތުގައި، "އަމިއްލަ ލަގެޖުގައި މިފަދަ ގިނަ އަދަދެއްގެ ބޭސް ގެންދިއުމުގެ ސަބަބު އަދިވެސް ސާފެއް ނުވެއެވެ. މި ބޭސްތައް ދިވެހިރާއްޖޭގައި ވިޔަފާރި ކުރުމަށް ގެންދާ އެއްޗެއްތޯ ނުވަތަ އެހެން ބޭނުމަކަށްތޯ ތަޙުގީގު ކުރަމުން ގެންދާނަމެވެ."
އޭނާ އިތުރަށް ވިދާޅުވީ، ހިފަހައްޓާލެވުނު ބޭސްތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ގޮތުގައި ބޭނުންކުރެވިދާނެ ބާވަތްތަކެއް ނުވަތަ މަނާކުރެވިފައިވާ ބޭސްތަކެއް ހިމެނޭތޯ ތަފްސީލީ ތަޙުލީލުތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.
މީގެ އިތުރުން، މި މައްސަލައިގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑު ނެޓްވޯކެއް ޝާމިލުވޭތޯ ބެލުމަށް ފުޅާ ދާއިރާއެއްގައި ތަޙުގީގު ކުރާނެ ކަމަށް ކަސްޓަމްސް ޑިޕާޓްމަންޓުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ