އަނަސްގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ 7 މީހުން ބަންދުކުރަން ސުޕްރިމް ކޯޓުން އަމުރުކޮށްފި

އަނަސްގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ 7 މީހުން ބަންދުކުރަން ސުޕްރިމް ކޯޓުން އަމުރުކޮށްފި

ގުޅުންހުރި

ރ. މީދު ފެންފިޔާޒުގޭ މުހައްމަދު އަނަސް ލިޓްސް ސާވިސް ސެންޓަރުގެ ތެރޭގައި 2017 ވަނަ އަހަރު މަރާލި މައްސަލާގައި ދައުވާ އުފުލިފައިވާ ހަތް މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ. މިއީ ހައި ކޯޓުން ދެވަނަ ފަހަރަށް ވެސް އެ މީހުން ބަންދު ނުކުރަން ނިންމި ނިންމުން ބާތިލްކޮށް، ސުޕްރީމް ކޯޓުން ނިންމި ނިންމުމެކެވެ.

މި މައްސަލާގައި ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލިފައިވަނީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގާއި މ. ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށެވެ. މީގެ އިތުރުން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލިފައިވަނީ ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހު އަބްދުﷲ، ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އަދި ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.

ފުރަތަމަ ފަހަރު ހައި ކޯޓުން އެ މީހުން ބަންދު ނުކުރަން ނިންމުމުން، ސުޕްރީމް ކޯޓުން ނިންމީ އެއީ ގާނޫނާ ޚިލާފު ސަބަބުތަކެއް ދެއްކުމަށްފަހު ނިންމި ނިންމުމެއް ކަމަށް ބުނެ، އަލުން ގޮތެއް ކަނޑައަޅަން އެންގުމަށެވެ. އެހެންނަމަވެސް މިދިޔަ މަހު ހައި ކޯޓުން ދެވަނަ ފަހަރަށް ވެސް ނިންމީ ޝަރީއަތް ނިމެންދެން އެ މީހުން ބަންދުކުރާނެ ތަނެއް ނެތް ކަމަށެވެ. ހައި ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ، އެ މީހުން ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެއްކެއް ހުރިކަމުގެ ތަފްސީލެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށެވެ.

ދައުލަތުން ހައި ކޯޓުގެ މި ނިންމުން ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމުން، އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަތް ފަނޑިޔާރު އަލީ ރަޝީދު ވިދާޅުވީ ދައުވާލިބޭ މީހުންނަކީ ކުށުގެ ރެކޯޑް އޮތް ބައެއް ކަމަށާއި، އެމީހުންގެ މައްޗަށް ކުރެވެނީ މުޖުތަމައުގައި ހިނގާނެ އެންމެ ބޮޑު ކުށުގެ ތުހުމަތު ކަމަށެވެ. މީގެ އިތުރުން އެ މީހުންގެ މައްޗަށް ކުށް ސާބިތުކުރަން ހުށަހެޅި ހެކިތަކުން ތުހުމަތުތަކަށް ބާރު ލިބޭ ކަމަށް ވެސް ފަނޑިޔާރު އަލީ ރަޝީދު ވިދާޅުވިއެވެ.

ފަނޑިޔާރު އަލީ ރަޝީދުގެ މި ރައުޔަށް ފަނޑިޔާރު ޑރ. އިބްރާހިމް މުހައްމަދު ތާއިދު ކުރެއްވުމުން، އެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވީ ހައި ކޯޓުގެ ނިންމުން ބާތިލްކޮށް، ދައުވާލިބޭ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމާ މެދު ހައި ކޯޓުން އިތުރަށް ގޮތެއް ކަނޑައަޅަންދެން ރިމާންޑް ޖަލެއްގައި ބަންދު ކުރުމަށެވެ.

އެހެންނަމަވެސް މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އައިޝާ ޝުޖޫން ހައި ކޯޓުގެ ނިންމުމަށް ތާއިދު ކުރައްވާ ވިދާޅުވީ، ދަށު ކޯޓުން އެ ހަތް މީހުންގެ މައްޗަށް ކުށް ސާބިތުނުވީ ހުށަހެޅި ހެކިތަކުގެ މައްޗަށް ބަލާއިރު އެ މީހުން ކުށްކުރި ކަން ސާބިތު ނުވާތީ ކަމަށެވެ. ކުށުގެ އަމަލު ހިންގި މީހުންނަކީ ކޮބައިކަން އެ މައްސަލައިގެ ތެރެއިން ކަށަވަރުވެފައިނުވާ ކަމަށް ވެސް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގައި އަޑުއެހުންތައް ކުރިއަށް ދިޔައިރު ދައުވާލިބޭ ގިނަ މީހުން ވަނީ ދަށު ކޯޓުގެ މަރުހަލާގައި ގިނަ އަހަރުތަކެއް ބަންދުގައި ހޭދަކުރުމަށްފަހު އިތުރަށް ބަންދު ނުކުރަން އެދިފައެވެ. އޭގެ ތެރެއިން ބައެއް މީހުން ބުނެފައިވަނީ މިހާރު ކުށުގެ ވެށީގައި ނޫޅޭ ކަމަށާއި، އާ ދިރިއުޅުމެއް ފަށައިގެން ދަރިން ލިބި، މިހާރު ވަޒީފާތަކަށް ވެސް ދާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ