ދަރުމަވަންތަ ހޮސްޕިޓަލާއި ޗައިނާގެ ކުޑަކުދިންގެ ހޮސްޕިޓަލަކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދަރުމަވަންތަ ހޮސްޕިޓަލާއި ޗައިނާގެ ކުޑަކުދިންގެ ހޮސްޕިޓަލަކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

Author
ހުސައިން
22 ޖޫން 2025 08:43
0

ރާއްޖޭގެ ކުޑަކުދިންގެ ސިއްހީ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލުން ޗައިނާގެ މަޝްހޫރު ކުޑަކުދިންގެ ހޮސްޕިޓަލަކާ ގުޅިގެން މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އައިޖީއެމް ހޮސްޕިޓަލުން ހިންގާ ދަރުމަވަންތަ ހޮސްޕިޓަލުން އެކްސްގައި ހާމަކުރި މަޢުލޫމާތުގައި ވާގޮތުން، މި އެއްބަސްވުން ވެވުނީ ޗިލްޑްރެންސް ހޮސްޕިޓަލް އޮފް ސޫޗޯ ޔުނިވަސިޓީއާ ދެމެދުގައެވެ. ފަހުމުނާމާގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ނަމުގައި ސޮއިކުރެއްވީ އައިޖީއެމް ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމްއެވެ.

މި އެއްބަސްވުމަކީ ރާއްޖޭގައި ކުރެވޭ ކުޑަކުދިންގެ ސާޖަރީތަކުގެ ފެންވަރު މަތިކޮށް، ޒަމާނީ ފަންނުތައް ތަޢާރަފުކުރުމަށް މަގުފަހިވެގެންދާނެ ބާރު އެއްބަސްވުމެއް ކަމަށް އައިޖީއެމްއެޗުން ފާހަގަކޮށްފައިވެއެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް ރަޙުމަތްތެރިކަމުގެ ގުޅުން ބަދަހިކޮށް، ސިއްހީ ޚިދުމަތުގެ ދާއިރާ ކުރިއެރުވުމަށް މަގުފަހިވާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އައިޖީއެމް ހޮސްޕިޓަލުން މި އެއްބަސްވުން ބަލައިގަންނަ ކަމަށް ވެސް ބުނެފައިވެއެވެ. މި ޕާޓްނަރޝިޕްގެ ތެރެއިން ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމްތައް ހިންގައި، ޒަމާނީ ޓެކްނޮލޮޖީއާއި ފަންނީ މަޢުލޫމާތު ބަދަލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

އިއްޔެ ބޭއްވުނު މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ޗައިނާގެ ސަފީރު ވަނގް ލިސިން ވިދާޅުވީ، ކުޑަކުދިންނަކީ އެއްވެސް ގައުމެއްގެ އުންމީދާއި މުސްތަގުބަލު ކަމަށާއި، އެކުދިންގެ ސިއްހަތަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އެންމެ އިސްކަންދޭންޖެހޭ ކަމެއް ކަމަށެވެ.

މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖެއަށް ބައިނަލްއަގުވާމީ ފެންވަރުގެ ފަންނީ އެހީތެރިކަން ލިބި، ދެ ގައުމުގެ ދެމެދުގައި އޮތް ދެކެ ލޯބިވާ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ސަފީރު ފާހަގަކުރެއްވިއެވެ. އަދި މި މުހިންމު މަސައްކަތުގައި ދެ ގައުމުގެ ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ދައުރު ފާހަގަކޮށް، އެފަރާތްތަކަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.