ޖެމްކިޔު ސްކީމް ހުއްޓާލާ އެތައް ބަޔަކަށް މާލީ ބޮޑެތި ގެއްލުން ދިނުމަށްފަހު، ސްކޭމްގެ ފަހަތުގައި ތިބި މީ އާ ސްކީމެއް ލޯންޗު ކޮށްފި

ޖެމްކިޔު ސްކީމް ހުއްޓާލާ އެތައް ބަޔަކަށް މާލީ ބޮޑެތި ގެއްލުން ދިނުމަށްފަހު، ސްކޭމްގެ ފަހަތުގައި ތިބި މީ އާ ސްކީމެއް ލޯންޗު ކޮށްފި

Author
ހުސައިން
21 ޖޫން 2025 11:19
0

ޖީއެމްސީއީ ނުވަތަ ޖެމްކިޔުގެ ނަމުގައި ހިންގަމުން އައި ޕިރަމިޑް ސްކީމް މިއަދު މުޅިން ހުއްޓާލައިފިއެވެ. މި ސްކީމް ހުއްޓާލުމާއި ގުޅިގެން ސްކީމަށް އިންވެސްޓްކޮށްފައިވާ އެތައް ހާސް މީހުންނަށް އެމީހުންގެ ފައިސާ ގެއްލި، ބޮޑު މާލީ ގެއްލުމާ ވަނީ ކުރިމަތިލާންޖެހިފައެވެ.

ޔޫއެސްޑީޓީ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް އިންވެސްޓްކުރާ މި ސްކީމް ދިވެހިންގެ މެދުގައި މަޝްހޫރުވީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. ވޭތުވެދިޔަ ދެތިން މަހުގެ ތެރޭގައި މި ސްކީމް ވަރަށް ބޮޑަށް ފެތުރި، ގިނަ ދިވެހިން އިންވެސްޓްކުރަން ފެށިއެވެ. ނަމަވެސް ދިވެހި ފުލުހުންގެ އިދާރާއިން މިދިޔަ ހަފްތާގައި ވަނީ މިއީ ބޮޑު އޮޅުވާލުމެއް ކަމަށް ބުނެ، ރައްޔިތުންނަށް މި ސްކީމަށް އިންވެސްޓް ނުކުރުމަށް ނަސޭހަތްތެރިވެފައެވެ.

ފުލުހުންގެ އިންޒާރުގެ ދެ ދުވަސް ފަހުން، އިންވެސްޓަރުންނަށް އެމީހުންގެ ފައިސާ ވިތްޑްރޯ ނުކުރެވޭ މައްސަލަ ދިމާވަން ފެށިއެވެ. ސްކީމް ހިންގާ ފަރާތްތަކުން ފުރަތަމަ ބުނީ މިއީ ވަގުތީ މައްސަލައެއް ކަމަށާއި އަވަހަށް ހައްލުވާނެ ކަމަށެވެ. އެމީހުން ޔަގީންކަން ދިނީ މިއީ ސްކޭމެއް ނޫން ކަމަށެވެ. ގިނަ އިންވެސްޓަރުން މި ޔަގީންކަމުގެ މައްޗަށް އުންމީދުކޮށް، އިތުރަށް ފައިސާ އިންވެސްޓްކުރިއެވެ.

މިއަދު ޓެލެގްރާމް އެޑްމިން ގްރޫޕަށް ފޮނުވި މެސެޖެއްގައި، ޖީއެމްސީއީގެ މާކެޓިންގ ޑިޕާޓްމަންޓާ ނުގުޅޭތީ ސްކީމާ މެދު އުންމީދު ކެނޑިފައިވާ ކަމަށް ބުންޏެވެ. އަދި ހައިރާންކުރުވަނިވި ގޮތެއްގައި، އެޑްމިންއާއި ޓީމް ލީޑަރުން އެހެން އިންވެސްޓްމަންޓް ސްކީމެއްގައި ބައިވެރިވެފައިވާ ކަމަށް ބުނެ، އިންވެސްޓަރުންނަށް އައު ސްކީމެއްގައި ބައިވެރިވުމަށް ދަޢުވަތު ދޭން ފެށިއެވެ.

މި ހާދިސާއިން ގެއްލުން ލިބުނު އިންވެސްޓަރުން ވަރަށް ބޮޑަށް ކަންބޮޑުވެ، ސޯޝަލް މީޑިއާގައި އެމީހުންގެ ހިތާމަ ފާޅުކުރަމުން ގެންދެއެވެ. ލިބިފައިވާ މަޢުލޫމާތުން އިނގޭ ގޮތުގައި، އިންވެސްޓްކުރި ފަރާތްތަކަށް އިންވެސްޓު ކުރި ފައިސާ އަނބުރާ ނުލިބޭނެ ކަން މިހާރުވަނީ ޔަގީން ކުރެވިފައެވެ. ބައެއް މީހުން އެތައް ލައްކަ ރުފިޔާ ގެއްލިފައިވާއިރު، އެހެން ބައެއް މީހުންނަށް މިލިއަނުން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފުލުހުންގެ ތަހުގީގުގައި ރާއްޖޭގައި ޖެމްކިޔު ޕްރޮމޯޓްކުރުމުގައި ޙަރަކާތްތެރިވި 7 މީހުންގެ މަޢުލޫމާތު ހޯދިފައިވާ ކަމަށް ބެލެވެއެވެ. އެކަމަކު މި މައްސަލައިގެ ތަފްސީލުތައް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މިފަދަ ޕިރަމިޑް ސްކީމްތައް ރާއްޖޭގައި ކުރިންވެސް ހިންގާފައިވެއެވެ. ފުރަތަމަ މަރުޙަލާގައި ބޮޑު ފައިދާ ދައްކާލައި އިތުބާރު ހޯދުމަށްފަހު، ފަހުން ބޮޑު އަދަދަކުން އިންވެސްޓްކުރާ މީހުންގެ ފައިސާ ހިފަހައްޓައި، ސްކީމް ބަނގުރޫޓުވާ މަންޒަރު ތަކުރާރުވަމުން އައިސްފައިވެއެވެ. މިފަހަރު ވެސް އެ ނަމޫނާ ތަކުރާރުވެ، އެތައް ދިވެހި ޢާއިލާތަކަކަށް ބޮޑު މާލީ ގެއްލުން ލިބިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.