ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކުމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުން އިއްޔެ ދެ ޒުވާނުން ބަންދުކޮށްފިއެވެ. ބަންދުކުރެވުނީ މާލެ، ހ. ފަތިހުގެ އަލި، 29 އަހަރުގެ ހުސައިން އައްބާސް ފަރުހާން އާއި މާލެ، މއ. ސީރިއަޒުގެ، 27 އަހަރުގެ މޫސާ ނާސިހެވެ.
ކްރިމިނަލް ކޯޓުން ފަރުހާން 15 ދުވަހަށް ބަންދުކޮށްފައިވާއިރު، ނާސިހު ބަންދުކޮށްފައިވަނީ 5 ދުވަހަށެވެ. މި ދެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ވިޔަފާރި ކުރިކަމުގެ ތުހުމަތެވެ.
ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން، މަސްތުވާތަކެއްޗާ ހަވާލުވުމަށް ޑީއެޗްއެލްއަށް ގޮސްފައިވަނީ މި ދެމީހުންކަމަށް ވެއެވެ. މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ރިޢާޔަތްކޮށް މި ދެމީހުން ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. ނަމަވެސް މި މައްސަލައިގައި ޝާމިލުވާ މަސްތުވާތަކެއްޗާ ބެހޭ ތަފްޞީލު ކޯޓު އަމުރުގައި ހާމަކޮށްފައެއް ނުވެއެވެ.
މިދިޔަ 10 ވަނަ ދުވަހުގެ ރޭ ކަސްޓަމްސްއިން ހިންގި އޮޕަރޭޝަނެއްގައި 18 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް ނަމަވެސް، އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އެ މަސްތުވާތަކެތި ވެސް އަތުލައިގެންފައިވަނީ ރާއްޖެ އެތެރެކުރަން އުޅެނިކޮށެވެ.
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އެރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، އަތުލައިގަތް މަސްތުވާތަކެތީގެ އަގު 26 މިލިއަން ރުފިޔާއަށް އަރާނެއެވެ. މި މައްސަލައިގައި އެ ޕެކޭޖު ބަލައިދިޔަ 35 އަހަރުގެ ބަންގްލަދޭޝް މީހަކު ފުލުހުން މިމަހުގެ 11 ވަނަ ދުވަހު ހައްޔަރުކުރި ނަމަވެސް، އޭނާއަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު މީހުންނާ ގުޅުމެއް ނެތް މީހެއްކަން ޔަގީންވުމުން، 12 ވަނަ ދުވަހު އޭނާ ދޫކޮށްލައިފައިވެއެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވަމުން ދާއިރު، މި ބޮޑު އިޖުތިމާޢީ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ