ފުވައްމުލަކު ސިޓީގައި މިރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ޕާޓީގެ މެންބަރުންނަށް، މާޒީ ދޫކޮށްލައި މުސްތަގުބަލަށް އަމާޒު ހިފުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ. މި ޖަލްސާގައި ޝާހިދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިނުވެ، ޕާޓީން ވަކިވެވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންނަށް އެމްޑީޕީއަށް އަނބުރާ ވަޑައިގަތުމަށް މަރުހަބާ ދަންނަވާފައެވެ.
ޝާހިދު ވިދާޅުވީ "އަޅުގަނޑުމެން މާޒީ ފަހަތަށް ދޫކޮށްލައިފިން. ކުރިއަށް ދާން ޖެހޭނީ. މާޒީއަކީ އަޅުގަނޑުމެންނަށް ބަދަލު ކުރެވޭނެ އެއްޗެއް ނޫން. އެއީ ވެގެންދިޔަ ކަމެއް. އަޅުގަނޑުމެންގެ މުޅި ވިސްނުން، މުޅި އަމާޒު، މިއަދު ހުންނަންޖެހޭނީ މުސްތަގުބަލަށް" ކަމަށެވެ.
ޑިމޮކްރެޓްސްގެ މެންބަރުންނަށް އަމާޒުކޮށް ޝާހިދު ވިދާޅުވީ "އަޅުގަނޑުގެ އިލްތިމާސަކީ އެމްޑީޕީ [ޑިމޮކްރެޓްސް]ގެ ހުރިހާ ބޭފުޅުންނަށް ތިބޭފުޅުންގެ ހިތްޕުޅުތައް ހުޅުވާލައްވާށޭ. ތިބޭފުޅުންގެ އަތްޕުޅުތައް ހުޅުވާލައްވާށޭ. މުސްތަގުބަލަށް އަމާޒު ހިއްޕަވާށޭ. ވެދިޔަތަން ދިޔަ ދެއްވާށޭ" ކަމަށެވެ. އަދި މި އަނިޔާވެރި ސަރުކާރު ބަލިކޮށްލެވޭނެ ކޮންމެ ފޯމިއުލާއަކަށް އެންމެން ތިބެންވާނީ ތައްޔާރަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑަށް ފާޑުވިދާޅުވަމުން ޝާހިދު ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ބަދަލުގެނެސް ކައުންސިލަރުންގެ އަދަދު މަދުކުރަން ސަރުކާރުން އުޅެނީ ހަރަދު ކުޑަކުރާކަށް ނޫން ކަމަށާއި، މަދުވާ އަދަދަށް ސްޓޭޓް މިނިސްޓަރުކަމާއި ޑެޕިއުޓީ މިނިސްޓަރުކަން ދޭނެ ކަމަށެވެ. ކައުންސިލްތަކުގެ އަގު ވައްޓާލުމާއި ބާރުތައް ހަނިކުރުމަށް ސަރުކާރުން މަސައްކަތްކުރަނީ އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުން ސަރުކާރު ބަލިވާނެކަން އެނގޭތީ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ކައުންސިލްތަކުގެ އަގު ވައްޓާލަން ސަރުކާރުގެ އެންމެ އިސްވެރިޔާ ނިކުމެ އެހުންނެވީ ގޮތް ހުސްވީމާ ކަމަށް ވިދާޅުވެ، ޝާހިދު ވަނީ ރައީސް ޑރ. މުއިއްޒުއަށް ފާޑުވިދާޅުވެފައެވެ.
ފުވައްމުލަކުން ޕީއެންސީގެ ބައެއް ބޭފުޅުން ޝާހިދު އާ ބައްދަލުކުރެއްވި ކަމަށާއި، އެބޭފުޅުންވެސް ސަރުކާރަށް ފާޑުވިދާޅުވެ، ރައީސް ޑރ. މުއިއްޒު އިންތިޚާބު ކުރެއްވުމަކީ ހެއްދެވުނު ގޯހެއްކަމަށް ވިދާޅުވަމުން ގެންދަވާކަމަށް ޝާހިދު ހާމަކުރެއްވިއެވެ.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އާއި އެޕާޓީގެ އިސް ބޭފުޅުންގެ ޓީމެއް ފުވައްމުލަކަށް ވަޑައިގެންފައިވަނީ ޕާޓީގެ ހަރަކާތްތައް ހިންގުމާއި ގުޅޭގޮތުން ފުވައްމުލަކުގައި ތިއްބެވި އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ވާންޖެހޭ ތައްޔާރީތަކާ ބެހޭ ގޮތުންވެސް މި ދަތުރުގައި މަޝްވަރާކުރައްވާނެއެވެ.
ދަތުރުފުޅަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ އެމްޑީޕީ ޓީމަށް ފުވައްމުލަކުން ވިދާޅުވި މަރުޙަބާއިން ދޭހަކޮށްދެނީ އެމްޑީޕީގެ ފަލްސަފާއަށް ރަށުގައި އޮތް ލޯބި ކަމަށެވެ.
ޝާހިދުގެ އަރިހުގައި މި ދަތުރުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް، މަރަދޫ ދާއިރާގެ މެމްބަރު އަހްމަދު ދީދީ، 19 ވަނަ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރެއްވި 3 މެމްބަރުން، ޕާޓީގެ ޑެޕިއުޓީ ޗެއާޕަރސަން އަހްމަދު އަބްދުﷲ އާއި ޤައުމީ މަޖިލީހުގެ ބައެއް މެމްބަރުން ފުވައްމުލަކަށް ވަޑައިގެންނެވިއެވެ.
ކޮމެންޓު ފޮނުވާ